ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ 50އ. ގެ ހަށިގަނޑު މިއަދު ވަޅުލާފައިވާ އިރު، ފުލުހުން ނިންމާފައިވަނީ އެއީ "ސުއިސައިޑް ކޭސް" އެއް ކަމަށް "ވަން" އަށް އެނގިއްޖެއެވެ.

ފުލުހުންގެ އިސް އޮފިސަރަކު ނަން ނުޖެހުމަށް ޝަތުރުކޮށް "ވަން" އަށް މިއަދު ވިދާޅުވީ، ޒަކިއްޔާގެ ޕޯސްޓްމޯޓަމް ނުހަދާ ކަމަށާއި ފުލުހުންގެ ނިންމުމަކީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ.

ޒަކިއްޔާގެ މަރުގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފައެވެ. ނަމަވެސް ޒަކިއްޔާ އަމިއްލައަށް މަރުވެފައިވާ ކަމަށް ފުލުހުން ނިންމުމާ ގުޅިގެން އެ ތަހުގީގަށްވީ ގޮތެއް ސާފެއް ނޫނެވެ.

މިދިޔަ އަންގާރަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ތަހުލީލުތަކެއް ކުރުމަށްފަހު، މިއަދު ހޮޅުދުއަށް ގެންގޮސް އޭނާގެ ހަށިގަނޑު ވަނީ ވަޅުލައިފައެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު "ވަން" އަށް ބުނިގޮތުގައި ޒަކިއްޔާ މަރުވެފައި އޮތީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ ގެއިން ކުނި ނަގަންދިޔަ މުނިސިޕަލް މުވައްޒަފުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

ޒަކިއްޔާގެ ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އަދި އޭނާ އޮތް ސަރަހައްދު ކައިރިން ބޮޑު ވަޅިއެއް ފެނިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.