ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ 50އ. ގެ ހަށިގަނޑު އަނބުރާ އެރަށަށް ގެންގޮސްފިއެވެ.

މިދިޔަ އަންގާރަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އަންގާރަ ދުވަހުގެ ދަންވަރުއެވެ. އޭނާގެ ހަށިގަނޑު ގެނެސްފައިވަނީ އިތުރު ތަހުލީލުތައް ކުރުމަށެވެ.

ފުލުހުން މިއަދު ބުނީ ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށްފަހު އަނބުރާ ހުޅުދުއަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފުލުހުން ނިންމާފައެއް ނުވެއެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު "ވަން" އަށް ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮތީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ ގެއިން ކުނި ނަގަންދިޔަ މުނިސިޕަލް މުވައްޒަފުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

ޒަކިއްޔާގެ ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އަދި އޭނާ އޮތް ސަރަހައްދު ކައިރިން ބޮޑު ވަޅިއެއް ފެނިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.