ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ 50އ ގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުހައްމަދު "ވަން" އަށް ރޭ ވިދާޅުވި ގޮތުގައި ޒަކިއްޔާގެ ހަށިގަނޑާ އެކު ފުލުހުންގެ ޓީމެއް އެ ރަށުން ފުރީ ރޭ 10:45 ހާއިރުއެވެ.

ފުލުހުން މިއަދު ބުނީ، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ އިތުރު ތަހުލީލުތައް ކުރުމަށް ކަމަށެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު "ވަން" އަށް ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮތީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު އެ ގެއިން ކުނި ނަގަންދިޔަ މުނިސިޕަލް މުވައްޒަފުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

ޒަކިއްޔާގެ ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އަދި އޭނާ އޮތް ސަރަހައްދު ކައިރިން ބޮޑު ވަޅިއެއް ވެސް ފެނިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުލުހުން ހާއްސަ ޓީމެއް އިއްޔެ ހަވީރުން ފެށިގެން އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.