ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ރ. މާކުރަތު، އިމޭޖު، މުހައްމަދު ދާއޫދަށެވެ.

އޭނާގެ މައްޗަށް ދައުވާ ސާބިތުވުމުން، 12 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށުގެ އިތުރުން ފޯނުގައި އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ، ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން ވެސް ދައުލަތުގެ ފަރާތުން މުހައްމަދު ދާއޫދުގެ މައްޗަށް ދައުވާ ކުރިއެވެ.

ނަމަވެސް ރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.