ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ވެހިކަލް ދުއްވާ މީހުންގެ ލައިސަންސް ހިފަހައްޓައި ވެހިކަލް ޓޯކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ކަމާބެހޭ ފަރާތްތަކަށް އަންގަވައިފިއެވެ.
ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކަށް މިއަދު އެންގި އެންގުތަކަށް އާންމުކޮށްފައެވެ.
އެކަންކަމުގެ ތެރޭގައި ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުމާއި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ ވެހިކަލްތައް ވަގުތުން ހުއްޓުވައި ވެހިކަލް ދުއްވި މީހާގެ ލައިންސަންސްއާއި ވެހިކަލް ޓޯކުރުން ހިމެނެއެވެ.
އަދި ވަކި ހޯސްޕަވާއަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ ވެހިކަލް ދުއްވުން ހުއްޓުވުމަށާއި އެއްގަމު ވެހިކަލްގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލަތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދަށް ބަދަލު ގެނައުމަށް ރައީސް ވަނީ އަންގަވައިފައެވެ.
ރައީސް އިތުރަށް ވަނީ ފުލުހުން ހުށަހަޅާފައިވާ ޕްލޭނާ އެއްގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުމަށާއި ގްރެޖުއޭޓިން ލައިސަންސް ސިސްޓަމެއް ތައާރަފު ކުރުމަށާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކެނޑުމަށް ވެސް އަންގަވައިފައެވެ.
އޭގެ އިތުރުން ޓްރެފިކް ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް ރައީސް ވަނީ އަންގައިފައެވެ.
ރައީސް އެގޮތަށް އެކަންކަން އެގޮތަށް ކުރުމަށް އަންގަވާފައިވަނީ ރޭ ދަންވަރު ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް، ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޒުވާނާ މަރުވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު