ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކުގެ ތެރެއިން 14 ހިދުމަތެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރުގައި މެރިޓައިމްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިހަވަންދިއްޕޮޅުގައެވެ. އެ ހިދުމަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ވަޖީހުގެ އެފްބީގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން މި ގައުމަކީ މެރިޓައިމް ދައިރާއިން އެންމެ ބޮޑު ނަފާއެއް ހޯދޭނެ އެއް ގައުމު ކަމަށް އެންމެން ވެސް ގަބޫލު ކުރާ ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުންވެސް ކާގޯ ބޯޓު ފަހަރަށް ފޯރު ކޮށްދޭ އެފަދަ ހިދުމަތްތަކުގެ ތެރޭ ހިމެނޭ އެންމެ މުހިންމު 14 ހިދުމަތް، ފޯރުކޮށްދިނުމަށްޓަކައި އަޅުގަޑުމެން މިދަނީ ތައްޔާރު ވަމުން" ވަޖީހުގެ އެފްބީ ޕޯސްޓުގައި މިއަދު ވިދާޅުވިއެވެ.

އެމްޕީއެލުން އުތުރުގައި ފަށަން ތައްޔާރުވެފައިވާ 14 ހިދުމަތުގެ ތެރޭގައި ބަންކަރިން، ޕައިލެޓް ސާވިސް، ކްރިއު ޗޭންޖު، ޝިޕް ޓު ޝިޕް، ސްޕީޑްބޯޓު/ ލޯންޗު ސާވިސް، ފްރެޝް ވޯޓާ ސަޕްލައި އަދި ސަޕްލައި އޮފް ޕްރޮވިޝަން ހިމެނެއެވެ. އަދި ލުބްރިކޭޓިން އެންޑް ހައިޑޯލިކް އޮއިލް ސަޕްލައި، ޔޮޓް ޑޮކިން ސާވިސް، މެއިންޓޭނިން ސާވިސް، އަންޑާވޯޓާ ސާވިސް، ޓަގް ސާވިސް، މެރިން ސެލްވޭޖް އަދި ރިސެޕްޝަން ފެސިލިޓީޒް ހިމެނެއެވެ.

އެގޮތުން އެމްޕީއެލް އިން ލޯންޗު ކުރި މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް، އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) އަކީ، ރާއްޖޭގެ އުތުރުގައި ހިންގުމަށް ތައްޔާރު ވަމުންދާ މެރިޓައިމް ހިދުމަތްތަކާ ބެހޭ މައުލޫމާތު ސާފުކޮށްދޭ ވެބްސައިޓެކެވެ. އެ ވެބްސައިޓުން މި ހިދުމަތްތަކާ ގުޅޭ މައުލޫމާތުވެސް ލިބޭނެއެވެ.

އިހަވަންދިއްޕޮޅުގެ ރަށްތަކާ ކައިރިން، ކޮންމެ 24 ގަޑިއިރެއް ތެރޭ ދުނިޔޭގެ އެކި ގައުމުތަކުގެ 250 ވަރަކަށް ބޮޑެތި ކާގޯ ބޯޓު ދަތުރު ކުރަމުންދާ ކަމަށެވެ. އެމްޕީއެލްގެ އަމާޒަކީ، އެބޯޓު ތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރު ކޮށްދޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުން ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.

"އަޅުގަޑުމެންގެ އަމާޒަކީ، މިއީ އިންޓާނޭޝަނަލް މާކެޓަށްދޭ ހިދުމަތް ތަކަކަށް ވާއިރު، ކޮމްޕެޓިޓިވް މާކެޓެއްގެ ތެރެއިން، އެޓުރެކްޓިވް ހިދުމަތްތަކެއް ފޯރުކޮށްދީ، ރަގަޅު މާކެޓް ޝެއާއެއް ރާއްޖެއަށް ހޯދުން. އެ ހިދުމަތްތަކާ ބެހޭ މައުލޫމާތު. އެމްޕީއެލްގެ (ums.mv) ވެބު ސައިޓުން މިހާރު ލިބޭނެ. އިރާދަ ކުރެއްވިއްޔާ، މެރިޓައިމް ދާއިރާ އިން، މިފެށޭ ހިދުމަތް ތަކުން، ކައިރި މުސްތަގުބަލެއްގެ ތެރޭ، އަޅުގަނޑުމެންގެ ގައުމަށް، ގައުމުގެ އިގުތިސޯދަށް ހެޔޮ މަންފާ ތަކެއް ކުރަން ފަށާނެ،" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވީ އެ ހިދުމަތަކީ 24 ގަޑި އިރުގެ އޮޕަރޭޝަނަކަށް ވާއިރު، އެހިދުމަތް ދޭނެ މުވައްޒަފުން މިކަމަށް އަހުލުވެރިކުރުވައި، މިކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް އެމްޕީއެލުން ކުރަމުންގެންދާ ކަމަށެވެ.

ސަރުކާރުން ވަނީ ބަންކަރިންގެ ހިދުމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށް ލަފާކޮށްފައެވެ.

އިހަވަންދިއްޕޮޅުގައި ފަށާ ބަންކަރިންގެ ހިދުމަތުގެ ތެރެއިން މެރިޓައިމް އަދި އޯޕީއެލް (އޮފް ޕޯޓް ލިމިޓްސް) ސާވިސަސް ފޯރުކޮށްދިނުމަށް އެސްޓީއޯ އާއި އެމްޕީއެލްއާ ދެމެދު ވަނީ މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.