މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގީއެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ތާންގި ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބުދުލް މަތީން މުހައްމަދުއެވެ. އެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިސްވެރިންނާއި އެމްޑަބްލިޔުއެސްސީގެ މެނޭޖުމެންޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިޔުއެސްސީން އިއްޔެ ބުނީ އެ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް ރާވައި، ބަހައްޓާ 10،000 ޓަނުގެ އެ ތާންގިއަކީ، މިހާތަނަށް ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު ތާންގި ކަމަށެވެ. އެ ތާންގީގެ މަސައްކަތްތައް ނިމުމާ އެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެ ތާންގި ބެހެއްޓުމުގެ މަޝްރޫއަށް 34.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި އެ މަސައްކަތް 2025 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެ މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ގާއިމުކޮށްފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެ ކުންފުނިން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކާކުރާ އިތުރު ދެ ތާންގި ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު