މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ މ. އަސަރީހަނދާން، ތަސްލީމް މުހައްމަދުގެ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަކަށް ރައްޓެހިންނާއި އެ މީހުންގެ އާއިލާގެ ބަޔަކާއެކު މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ދަތުރު ގޮސް އުޅެނިކޮށެވެ. އާއިލާ އިން ބުނާ ގޮތުން އޭނާ އެންމެ ފަހުން ފެނިފައިވަނީ އެ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންވެސް ކުރަމުން އަންނައިރު، އޭނާ އަދިވެސް ނުފެނެއެވެ.

ތަސްލީމުގެ ދައްތަ ސާނިއާ މުހައްމަދު "ވަން" އަށް ބުނި ގޮތުގައި ތަސްލީމްގެ ދަބަހާއި ފޯނު މީހެއްގެ އަތަށް ދިނުމަށް ފަހު ”އެބަ އަންނަން“ ކަމަށް ބުނެފައި ދިޔައީ ފިނޮޅުގައި ދަތުރު ގޮސް އުޅުނު ސަރަހައްދާ ތަންކޮޅެއް ދުރަށެވެ. އެ ފަހުން އޭނާ އެނބުރި އައިސްފައި ނުވާއިރު އެއްގަމުންވެސް އަދި މޫދަށް އެރި އުޅެނިކޮށްވެސް ފެނިފައި ނުވާ ކަމަށް ބުންޏެވެ.