"ފްލޯ ޕްރައިސް" ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފިއެވެ.
ބީކޭއެމްޔޫއިން އެކަން ރައީސަށް ހުށަހަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ރައީސް މުއިއްޒާ އެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ބޮޑުކަންނެލީގެ މަސްވެރިކަމާ ގުޅިގެން ހުރި ކަންބިޑުވުންތައް، ބީކޭއެމްޔޫގެ މެންބަރުން ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި މަސްވެރިކަމުގެ ސިނާއަތަށް ވަންނަ ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރިއެވެ. އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި ދޯނިތަކަށް ހޯދަންޖެހޭ، ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ވެސް ހިއްސާ ކުރިއެވެ.
މީގެ އިތުރުންވެސް މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް މިހާރު ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫކަން އެބޭފުޅުން ފާހަގަކުރިއެވެ. އަދި "ފްލޯ ޕްރައިސް" ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި ބޮޑުކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި ހޯދައިދެއްވުމަށާއި އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް ވެސް އެބޭފުޅުން ވަނީ އެދިފައެވެ.
ރައީސް އޮފީހުން ބުނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމި ނިންމުމަށް އަމަލު ނުކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން ބީކޭއެމްޔޫގެ ބޭފުޅުން ރައީސް މުއިއްޒަށް ޝުކުރު އަދާކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މި ބައްދަލުވުމުގައި ފާހަގަކުރި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިނިސްޓްރީގެ ކަމާ ގުޅޭ އިސް ބޭފުޅުންނާއި ބީކޭއެމްޔޫގެ މެންބަރުން ވަނީ ކަންބޮޑުވުންތަކަށް ގެނެވެން ހުރި ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު