ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ކަންތައްތަކުގައި މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރެއްވުމަށް ހަަމަޖެހިފައިވާކަން ހާމަ ކުރައްވައި ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މި ބައްދަލުވުމަކީ ވަރަށް "ލުކް ފޯވާޑް" ކުރައްވާ އަދި އެމަނިކުފާނަށް މުހިންމު ބައްދަލުވުމެއްކަމުގައެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން މިއަދުގެ ބައްދަލުވުގައި މަޝްވަރާ ކުރެވޭނެ ކަންތައްތަކުގެ އިންތިޒާރުގައި ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކަށް ވާނީ އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް ކޮންމެ އިންޑަސްޓްރީއަކުން ވެސް އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ބޭފުޅުންގެ އަޑު އަހައިގެން ކަންތައްތައް ބައްޓަން ކުރުން ކަމަށެވެ.

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށް މީގެ ކުރިން ވަޒީރުންގެ މަޖިލީހުން ފާސްކުރި ނަމަވެސް "ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން" ގެ ފަރާތުން ރައީސަށް ހުށަހެޅި ކަންތައްތަކަށް ރިއާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ އެ ނިންމެވުމަށް އަމަލު ނުކުރެއްވުމަށް ރައީސް ވަނީ މިދިޔަ މަހުގެ 29 ގައި ނިންމަވައިފައެވެ.

ރައީސްގެ މި ނިންމެވުމާ ގުޅިގެން އިތުރު މަޝްވަރާތައް ކުރެއްވުމަށް، "ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން" އާއި އަދި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާ ވެސް، ވަރަށް އަވަހަށް ރައީސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން އޭރު ބުނެފައިވެއެވެ.