އެގްރިކަލްޗާ އިކޮނޮމިކް ޒޯންގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަން ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެގްރޯނެޓްގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

"އެއާއެކުގައި ދިވެހިރާއްޖޭގައި ކުރިއަށްގެންދެވޭ އެންމެ ބޮޑު އެގްރިކަލްޗާ މަސައްކަތް، އެއީ އެގްރިކަލްޗާ އިކޮނޮމިކް ޒޯންގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅުގެ ތެރޭގައި އަމަލީ މަސައްކަތް ވެސް ފެށިގެން ކުރިއަށްދާނެ. އެއީ 250 ވަރަކަށް މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ މާލޭ ސަރަހައްދުގައި ހިންގާ މަޝްރޫއު ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެފަދަ މަޝްރޫއުތަކެއް ހިންގުމަށް ކަމަށެވެ. އަދި ދަނޑުވެރިންނަށް އަދި ތަރުކާރީ އާއި މޭވާ އުފައްދާ ފަރާތްތަކަށް ވެސް އެންމެ ނަފާވެރިކަން ބޮޑުވާނީ އެގްރޯނެޓްގެ މަސައްކަތްތައް އެގޮތަށް ބަދަލުކުރުމުން ކަމަށް ވިދާޅުވިއެވެ.

"މާނައަކީ އެގްރިކަލްޗާ އިކޮނޮމިކް ޒޯންގެ ބިޔަ މަސައްކަތުގެ ތެރޭގައި އަދި އެގްރޯނެޓު ވެސް މިހާރު ހަރަކާތްތެރިވާ ސްޕޭސްގައި ރާއްޖޭގެ އަތޮޅުތެރޭގައި ވެސް އެބޭފުޅުންނަށް ހަރަކާތްތެރިވެވޭނީ މާޖް ކޮށްގެންކަން. އެހެންވީމާ އެގްރޯނެޓް ހިމެނިގެން މިދަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކޮމްޕެނީގެ މަސައްކަތެއްގެ ގޮތުގައި. އެހެންވީމާ ކުރިން ނެތް ވަރަށް ބޮޑު ފަސޭހައެއް މިކަމުގެ ސަބަބުން ވެގެންދާނެކަން އަޅުގަނޑު ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެގްރޯނެޓް އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ދަނޑުވެރިކަަމަށް ހާއްސަ ކުންފުންޏެކެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުންޏަކީ ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށްގެން ރައީސް މުއިއްޒުގެ ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި އުފައްދާފައިވަނީ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް ހިމެނޭ ގޮތަށެވެ.