އެގްރޯނެޓްގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވާކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
"އެގްރޯނެޓްގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކޮމްޕެނީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން. އެނގިވަޑައިގަންނަވާނެ ފަދައިން މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކޮމްޕެނީ އަކީ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ އެންމެ ފުރަތަމަ ކެބިނެޓުގެ ދުވަސްވަރު ރާއްޖޭގެ އިންޑަސްޓްރިއަލް ޑިވަލޮޕްމަންޓަށްޓަކައި އުފައްދަވާފައިވާ ކުންފުންޏެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ކުރިއަށްގެންދެވޭ އެންމެ ބޮޑު އެގްރިކަލްޗާ މަސައްކަތް ކަމަށްވާ އެގްރިކަލްޗާ އިކޮނޮމިކް ޒޯންގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގެ ތެރޭގައި ފެށޭނެ ކަމަށާއި އެއީ 250 ވަރަކަށް މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށެވެ.
"އެހެންވީމާ އެގްރިކަލްޗަރުގެ އިކޮނޮމިކް ޒޯންތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ މާލޭ އޭރިއާގައި މި ހިންގާ މަޝްރޫއު ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް މިފަދަ މަޝްރޫއުތަކެއް ކުރިއަށްގެންދިއުން ކަމަށްވާތީ އާއި އަދި ރިސޯސް އެކިއެކި ކުންފުނިތަކަށް ބެހިގެންނުދާނެ ގޮތަށް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް މަސައްކަތެއްގެ ގޮތުގައި ދަނޑުވެރިންނަށް ވެސް އަދި ތަރުކާރީ އާއި މޭވާ އުފައްދާ ބޭފުޅުންނަށް ވެސް އެންމެ ނަފާވެރިކަން ބޮޑުވާނީ މި ދެ ކުންފުނި ސިނާޖައިޒްކޮށްގެން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެގްރޯނެޓްގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނީގެ ދަށަށް ބަދަލުކުރުމުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު