މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން، ރަހީނުކުރި، އާދަމް އަތުހަރު، 32 ގެ އަތުގައި އޮތް ވަޅިއަކުން ފުލުހަކަށް އަނިޔާވެފައިވާ ކަަމަށް ފުލުސް ކޮމިޝަނަރު އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.
ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާ އެވެ. އަތުހަރު މަސައްކަތް ކުރީ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލުމަށެވެ. ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެންމީހާ ދުއްވަން އިން ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާ ދިނުމުން އަނިޔާވިއެވެ. އަތުހަރަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ކޮމިޝަނަރު ސުޖާއު ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ރިސްކް އޮތް މަސައްކަތެއް ކަމަށާއި ހިދުމަތުގައި ހުއްޓާ ބައެއް ފުލުހުން ޝަހީދުވެސް ކޮށްލާފައިވާ ކަމަށެވެ.
ސުޖާއު ވިދާޅުވީ، އަތުހަރު ވެއްޓެން ދިޔަ ވަގުތު އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން ފުލުހެއްގެ އަތަށް އަނިޔާ ލިބިފައިވާ ކަމަށެވެ.
"އޭނާގެ އަތުގެ އިނގިލިތަކަށް ލިބުނު ޒަހަމްތައް އެއީ ސަސްޕެކްޓަށް ލިބެން އޮތް ބޮޑު އަނިޔާއަކުން ސަލާމަތްވުމަށް މެދުވެރިވި ސަބަބު" ސުޖާއު ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު ޖެހުނީ ފައިސާގެ މައްސަލަތަކެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އަތުހަރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި ބައެއް ކުށްތަކުގެ ރެކޯޑް އޭނާގެ އޮވެއެވެ.
ޚަބަރު
ޚަބަރު