ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ބައްދަލުކުރެއްވި ކަމަށް ބުނެ ކުރާ ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.

ދާދި ފަހުން ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވަނީ އަދީބަށް ޖާސޫސްކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އެ ޖަލްސާގައި އެ ވާހަކަތަކަށް ރައީސް ޔާމީން ވެސް ބާރުދެއްވަމުން ވާހަކަފުޅުދެއްކެވިއެވެ.

ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ އެއްވެސް އިރެއްގައި ޖާސޫސުކުރި ބޭފުޅެއް ނޫން ކަމަށާއި އަދި ކުރާނެ ބޭފުޅެއްވެސް ނޫން ކަމަށެވެ. އަދި އެ މަނިކުފާނަކީ އަދީބުގެ އަތުންވެސް އަދި އެހެން މީހެއްގެ އަތުންވެސް ފައިސާއެއް ހޯއްދެވި އަދި ލިބިވަޑައިގެންނެވި ބޭފުޅެއްވެސް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓުގައާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކެބިނެޓުގައި އަދީބު އާއެކު މަސައްކަތް ކުރެއްވި ކަމަށާއި އޭރުވެސް އެ މަނިކުފާނަކީ އަދީބާ މާ ގާތް ބޭފުޅެއް ނޫން ކަމަށެވެ.

"ބޮން ގޮއްވުމުގެ ހާދިސާ ހިނގައި އެހެން ހުރިހާ ކަމެއް ހިނގީ. އަދި އަދަށް ދާންދެން ވެސް ބައްދަލެއް ނުވޭ. އަދީބަކާ ބައްދަލެއް ނުކުރަން. އެއްދުވަހަކު ކޮންމެވެސް މީހެއްގެ ޖަނާޒާގައި އާސަހަރާއަށް ދިޔައިރު އެތަނުގެ ދޮރުމަތީގައި ހުރިތަން ދުށިން. އެއީ ފިޒިކަލީވެސް އަދީބު އަޅުގަނޑަށް ބޮން ގޮއްވި ހާދިސާއަށްފަހު ފެނުނު ދުވަހަކީވެސް. ދުވަހަކުވެސް ބައްދަލެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައިވެސް އަދީބާ ބައްދަލު ކުރެއްވި ކަމަށް ކުރެއްވި ތުހުމަތާ ގުޅިގެން ރައީސް ވިދާޅުވީ، ޔާމީނަށް ބަޔަކު ކަނޑައެޅިގެން ދޮގު މައުލޫމާތު ދެއްވަމުންދާ ކަމަށާއި އެފަދަ ވާހަކަތައް ގަބޫލުފުޅު ކުރައްވަވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

އަދި އެ މަނިކުފާނަކީ ޔާމީނާ އެންމެ ގާތުން ހިދުމަތް ކުރެއްވި އަދި ހަވާލުކުރެއްވި ޒިންމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރެއާއި ދުވާލު ކުރެއްވި ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.