މާފަންނުގެ ގެއެއްގެ ތެރޭގައި ރަހީނުކުރި އަންހެން މީހާ، ސަލާމަތް ކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ތައުރީފު ކުރައްވައިފިއެވެ.

ފުލުހުން ރޭ ބުނެފައިވަނީ މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށް، އަނިޔާ ކުރަމުންދާ ކަމުގެ ރިޕޯޓު ލިބިފައިވާތީ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ރަހީނުކުރި އަންހެން މީހާއަށް ގޭތެރޭގައި ފިރިހެނަކު އަނިޔާކޮށް އަދި މަގުމައްޗަށް ނެރެވެސް އަނިޔާކުރި ކަމަށެވެ. އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފި ނަމަ، އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖެއްސުމަށްފަހު ފުލުހުންނަށް އިންޒާރު ދިން ކަމަށްވެސް ބުނެފައިވެއެވެ.

"...އަނެއްކާވެސް އަންހެން މީހާ ގޭތެރެއަށް ވައްދައި އަނިޔާކުރުމަށްފަހު އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ގޮސްފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރި ކަމަށާއި އެ ހާދިސާގައި ދެ މީހުންނަށްވެސް އަނިޔާވި ކަމަށެވެ. ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އަންހެން މީހާ ރަހީނުކޮށްގެން ހުރި ފިރިހެން މީހާގެ ބޮލުގައި ފުލުހަކު މުގުރުން ޖަހާ މަންޒަރެވެ. ދެ ފަހަރެއްގެ މަތިން މުގުރުން ޖަހާފައިވެއެވެ.

ކޮމިޝަނަރު ޝުޖާއު މިއަދު ވަނީ އެ އަންހެން މީހާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބުކަމާއި ޕްރޮފެޝަނަލް ކަމާއެކު "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ފުލުހުންގެ ކޯޑިނޭޝަން އެ އޮޕަރޭޝަންގައި ރަނގަޅު ކަމަށެވެ. ވިކްޓިމްއަށް އަދި ސަސްޕެކްޓަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވިފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އެ ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދު ފަހުރުވެރިވާ ކަމަށާއި މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތްކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެ އޮޕަރޭޝަނަށް ރައްޔިތުންގެ ތައުރީފު ލިބެމުންދާ ކަމަށާއި އިތުރަށް ރަނގަޅުކުރުމަށް ހިޔާލުތައްވެސް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑު ކަމަށް ވިދާޅުވެ، ހުރިހާ ފުލުހުންވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށް ހެދުމަށް ޝުޖާއު އެދިވަޑައިގެންނެވިއެވެ.

ރަހީނުކުރި މައްސަލައިގައި ހިމެނޭ ފިރިހެން މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.