އދ. ދިއްދޫ ކައުންސިލްގެ ކުރީގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމުގައި ހުރި މީހާ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޮގު މައުލޫމާތު ދިނުމާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ދިއްދޫ ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓަކަށް ކުރިން ހުރި ފ. ނިލަންދޫ، އިގްބާލް ހަމީދުގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ 2022 ވަނަ އަހަރުގެ ދިއްދޫ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން އެނގުނު ގޮތުގައި އެ ރަށު ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓް ވަނީ ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ބަދަލުކޮށް، އޮޑިޓަރުންނަށް އޮޅުވާލަން މަސައްކަތްކޮށްފައެވެ.

މީގެ އިތުރުން، އެ ކައުންސިލްގެ ކުރީގެ ސެކެޓްރީ ޖެނެރަލް ބެހެއްޓުމަށް ކައުންސިލުން ގެއެއް ކުއްޔަށް ހިފުމުގައި ހުރި މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެއެވެ.

ދިއްދޫ ކައުންސިލްގެ ކުރީގެ ސެކެޓްރީ ޖެނެރަލާއި އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓަކީ ދެ މަފިރިންނެވެ.

ދިއްދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްގެ އެކައުންޓުން އެސްޖީގެ ފިރިމީހާގެ އަމިއްލަ އެކައުންޓަށް، ސަރުކާރުގެ އިމާރާތްތަކުގެ ކަރަންޓު ބިލު ދެއްކުމަށާއި ކައުންސިލަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް އެކިފަހަރު މަތިން 138،517.99 ރުފިޔާ ފޮނުވައިފައިވާ ކަމަށެވެ.