ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސައްތައިންސައްތަ ހިއްސާ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އިން ގަނެ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އިއްޔެ ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހުށަހެޅުއްވި ކަރުދާހަކަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސް އެ ބަދަލު ގެންނަވަން ނިންމެވީ ޔުޓިލިޓީ ސެކްޓަރު ހަރުދަނާ ކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު ފެނަކަގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ކަމަށެވެ.
އެގޮތުން އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ފެނަކައިގެ ކަންކަން ތަރުތީބު ކުރުމަށާއި ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި ރަނގަޅު އުސޫލުތައް ތަންފީޒު ކުރުމުގެ އިހުތިޔާރު އެސްޓީއޯއަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ، ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރުވެސް އެސްޓީއޯއަށް ދީފައިވާއިރު، އެކަން ކުރުމުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އަދި އެ މަރުހަލާ ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސްޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށާއި އެ ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް މި އަހަރުގެ ނިޔަލަށް، އެސްޓީއޯގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތްތައް ނިންމުމަށް ރައީސް ނިންމެވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު