ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަތަކެއް ހުރި ކަމަށްބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ މެންބަރުން ވަކިކޮށްފިއެވެ.

މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްއާ ގުޅޭގޮތުން މައްސަލަތަކެއް ފާހަގަކޮށް އެ ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްމާއީލް ސާޖިދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވި މައްސަލައެެކެވެ.

ސާޖިދު މަޖިލީހަށް ހުށަހެޅި ސިޓީގައި ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކުގެ ބެންޗް ކަނޑައަޅާއިރު ފައިސާގެ ބޮޑެތި އަދަދު ހިމެނޭ މައްސަލަތަކުގައި އަބަދު އެއް ބަޔަކު ތިބެގެން ނާޖާއިޒު ފައިދާތަކެއް ނަގާކަމާއި، ޓްރައިބިއުނަލްގެ ރައީސަށް އާދަޔާ ހިލާފު ތަނަވަސްކަމެއް ލިބި، ކާރާއި ސައިކަލާއި އެޕާޓްމަންޓް ފަދަ މުދާ ހޯދަމުންދާ ކަމާއި ރާއްޖެއިން ބޭރަށް ގިނަ ދަތުރުތައް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އޭގެ ތެެރެއިން އަމިއްލަ ދަތުރެއްގައި ތައިލެންޑަށް ވަޑައިގެން، ތައިލެންޑްގެ އެމްބަސީ މުވައްޒަފުން މެދުވެރިކޮށް އެތަނުގެ ސެންޓްރަލް ކޯޓުގެ އިސް ފަނޑިޔާރާ ބައްދަލުކޮށްފައިވާ ކަމަށާއި އެއީ އިޖުރާއަތް ފުރިހަމަ ނުވުމުގެ ސަބަބުން ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމާފައިވަނިކޮށް، ލޯ ފާމަކަށް ފަހިވާ ގޮތަށް މައްސަލައެއް ބަލައިގަތުމަށް ނިންމުމުގެ މުގާބިލެއްގެ ހަދިޔާއެއްގެ ގޮތުން ލިބުނު ދަތުރެއް ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

ޓްރައިބިއުނަލްގެ މެންބަރަކާއި ކުރީގެ ފިނޭންސް މިނިސްޓަރާ އޮންނަ ގުޅުމުގެ ސަބަބުން ޓްރައިބިއުނަލަށް ބޭނުންވާ ބަޖެޓު ވަރަށް ފަސޭހައިން ލިބޭ ކަމަށާއި 10 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުމުން 12 މިލިއަން ރުފިޔާ ހަމަޖެހުނުކަން އަދި ޓްރައިބިއުނަލްގެ އޮފީސް އިމާރާތް ކުއްޔަށް ހިފިއިރު ދައްކަން ޖެހޭކަމަށް ނެތް އެޑްވާންސް ފައިސާއެއް ދިނުމަށް، ބަލަންޖެހޭ ވަރަށް ނުބަލައި ފިނޭންސް މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

އޭގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށް ހުރަސް އަޅާތީ، ޓްރައިބިއުނަލްގެ ރަޖިސްޓްރާއަށް އެތަނުގެ ރައީސާއި ނައިބު ރައީސް، އެކި ފަހަރު މަތިން އިންޒާރުދީފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ. އަދި ޓްރައިބިއުނަލްގެ މެންބަރުކަން ލިބުމުން ބައެއް މެންބަރުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާ ކަމާއި ބައެއް މެންބަރުން ރާއްޖެއިން ބޭރަށް ދަތުރުކުރުން ފަދަ ކަންކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ހިމަނާފައިވެއެވެ.

ޓްރައިބިއުނަލްގެ އެހެން މެންބަރުންނަށް ގިނަ ތުހުމަތުތަކެއް އެ ސިޓީގައި ހިމަނާފައިވާ އިރު، ޓްރައިބިއުނަލްގެ ގިނަ ކަންކަން ކުރެވެމުންދަނީ ދައުލަތަށް މާލީ ގޮތުން ގެއްލުންވާ ގޮތަށް ކަމަށާއި އެ ޓްރައިބިއުނަލްގެ ބައެއް މެންބަރުންގެ ފަރާތުން މެންބަރުންނަށާއި މުވައްޒަފުންނަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށްވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

އޭގެ އިތުރުން ޓްރައިބިއުނަލުން ބޭކާރު ހަރަދުތައް ކުރާ ކަމަށާއި މައްސަލަ ބެލުމުގައި ކަންކަންކުރާ ގޮތުގެ ކަންބޮޑުވުންތަކެއްވެސް ވަނީ ހުށަހަޅައިފައެވެ.

އެ ސީޓީގައިވާ ކަންތައްތަކާ ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެ ކަންތައްތައް ބެލުމަށްފަހު، ކޮމިޓީން ފާސްކޮށް ރެކޮމެންޑޭޝަންތަކެއް ހިމަނައި، ކަމާބެހޭ ރިޕޯޓެއް މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. އެ ރިޕޯޓުގައި މަޖިލީހަށް މައްސަލަ ހުށަހެޅި މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބަވާ ހަތަރު މެންބަރުން މަގާމުން ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމަށް ހިމަނާފައިވެއެވެ.

ކޮމިޓީން ހުށަހެޅި ގޮތަށް އެ މެންބަރުން ވަކިކުރަން މިދިޔަ ހަފުތާގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ވަކިކުރަން ފާސްކުރި މެންބަރުންގެ ތެރޭގައި ހިމެނެނީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި މެންބަރު އަހުމަދު އަޝްރަފާއި މެންބަރު ހަޖީދާ ނައީމެވެ. މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށާއި ނުހައްގު މުއްސަނދިކަމާއި ކޮރަޕްޝަންގެ ތުހުމަތުތައްކޮށް، އެ މެންބަރުންގެ މައްސަލަ ތަހުގީގުކުރަން އޭސީސީއަށް ހުށަހެޅުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެެވެ.

އޭގެ އިތުރުން ޓްރައިބިއުނަލް ހިންގާ އިމާރާތަކީ އެކަމަށް ބޭނުންވާ ވަރަށްވުރެ ބޮޑު އިމާރާތަކަށްވާތީ، ދައުލަތަށް މާލީ ގޮތުންވާ ގެއްލުން ކުޑަކުރުމަށް އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާއި ޓްރައިބިއުނަލްގެ މައްސަލަތަކުގެ ބެންޗު ކަނޑައެޅުމަށާއި ބެންޗުގެ ރިޔާސަތު ކަނޑައެޅުމަށް، ގަވާއިދުގެ ދަށުން ރައީސަށް ފުރުސަތު އޮތުމުން އިންސާފުވެރިކޮށް މައްސަލައެއް ބެލިގެންދާނެކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތުމުން ޝަރުއީ ކޯޓުތަކުގައިވެސް އޮންނަ ގޮތަށް، ކަނޑައަޅާފައިވާ ވަކި ތަރުތީބަކުން މައްސަލަތަކުގެ ބެންޗު ކަނޑައެޅިގެންދާނެ ފަދަ ގޮތަކަށް ގަވާއިދު އިސްލާހުކުރަންވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.