ސީޝެލްސްގެ ދަތުރުފަތުރާބެހޭ ވުޒާރާގެ ވަފުދެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
އެމްއޭސީއެލުން އިއްޔެ ބުނީ ސީޝެލްސްގެ އެ ވަފުދަަކީ އެ ގައުމުގެ އެއާޕޯޓް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ތަޖުރިބާ އާއި ލަފާ ހޯދުމަށް ކުރާ ޒިޔާރަތެއް ކަމަށެވެ.
ސީޝެލްސްގެ އެ ވަފުދުގައި އެ ގައުމުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޓަނީ ޑެޖާކް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސީޝެލްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ ބޭފުޅުން ވަނީ އެމްއޭސީއެލްގެ މެނޭޖުމެންޓާ ވެސް ބައްދަލުކުރައްވާފައި ކަމަށާއި ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަފްލާހް އާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު މުއާޒް ރަޝީދު ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ދިވެހިރާއްޖެއިން ސީޝެލްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަރީ ކޮންސުލް މުހައްމަދު ފިރާގް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
"ސީޝެލްސްގެ ޓީމުން ބުނިގޮތުގައި އެމީހުންގެ ޒިޔާރަތުގެ އެންމެ ބޮޑު ބޭނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފަދަ މެގަޕްރޮޖެކްޓެއް ނިންމުމުގައި ރާއްޖެއިން ތަޖުރިބާ ކުރި ގޮންޖެހުންތައް ދެނެގަނެ، ސީޝެލްސްއިން އެއާޕޯޓް ތަރައްގީ ކުރުމުގައި އެ ތަޖުރިބާގެ ބޭނުން ހިފުމެވެ. އެހެންކަމުން ސީޝެލްސްގެ އެއާޕޯޓް ތަރައްގީ ކުރުމުގައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކާއި ގެންގުޅުއްވާ ވިސްނުން ހިއްސާކޮށް އެކަމުގައި އެމްއޭސީއެލްގެ ތަޖުރިބާކާރު ޓީމްތަކުގެ ލަފާވަނީ ހޯދައިފައި،" އެމްއޭސީއެލުން ބުންޏެވެ.
މީގެ އިތުރުން ރާއްޖެފަދަ ޖަޒީރާ ގައުމަކުން އެހާ ފުރިހަމަ އެއާޕޯޓެއް ތަރައްގީ ކުރުމުގައި ގެންގުޅޭ ވިސްނުންތަކާ މެދު ވަނީ ހިޔާލު ބަދަލުކޮށްފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ވީއައިއޭ ތަރައްގީ ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ތަސައްވުރާއި އެއާޕޯޓުގެ މަސައްކަތްތަކުގެ ދުވެލި ބާރު ކުރުމަށް ކުރަމުންދާ ކަންކަން ވެސް ހިއްސާ ކޮށްފައިވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ސީޝެލްސްގެ ވަފުދުން ވީއައިއޭގެ ނިމިފައި ހުރި ފެސިލިޓީތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ބޭނުން ހިފަމުންދާ ގޮތާއި މިހާރު ތަރައްގީ ކުރަމުން އަންނަ އާ ޓާމިނަލާއި އެއާ ގުޅޭ އެހެނިހެން މަސައްކަތްތައް ބަލާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު