ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗުގައި ހުންނަ ކާޑިއެކް ސެންޓަރު ހިންގަން ދިވެހި ޑޮކްޓަރުންނާ ހަވާލުކުރުމުގެ ކަންކަން އަވަހަށް ފެށިގެންދާނެ ކަމަށް އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ދިވެހި ޑޮކްޓަރުން ކާޑިއެޓް ސެންޓާ ހިންގުމާ ހަވާލުވާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯގައި ގާއިމްކޮށްފައިވާ ހައިބްރިޑް ތިއޭޓަރުގެ ހިދުމަތް އަލުން ފެށުމުން ކަމަށެވެ.

"(ހައިބްރިޑް ތިއޭޓާ) ހިދުމަތް ފެށުމާ އެކު އަޅުގަނޑުމެންގެ ކާޑިއެކް ސެންޓަރުގައި އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން ޑޮކްޓަރުން ބޭނުންކޮށްގެން ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާނަން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިބްރިޑް ތިއޭޓާގެ މަސައްކަތް މިއަންނަ މަސް ތެރޭގައި ނިންމުމަށް ކަމަށެވެ. އަދި އެ ތިއޭޓަރުގެ ހިދުމަށް ފެށުމަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް ވެސް އަންނަ މަހު ފަށާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ ކާޑިއެޓް ސެންޓާ މިހާރު ހިންގަނީ އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ގުޅިގެންނެވެ. ކާޑިއެކް ސެންޓަރު، މެޑިޓްރީނާއާ ގުޅިގެން ހިންގުމަށް ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 10 އަހަރުގެ މުއްދަތަށެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ 2015 ނޮވެމްބަރު 15 ގައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ހައިބްރިޑް ތިއޭޓަރުގެ ވަރަށް ގިނަ އިކުއިޕްމެންޓްސް ހަލާކުވެ މައްސަލަ ޖެހިފައިވާ ކަމަށެވެ. އެގޮތަށް އެތަކެތީގައި މައްސަލަ ދިމާވީ ބޭނުން ނުކޮށް ހުރުމުންނާއި އެ ތަނުގައި ބޭނުން ކުރާ އިކުއިޕްމަންޓްސްތައް ރައްކާތެރިކަމާ އެކު ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ތިއޭޓަރުގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށުމުން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވާ ބަލި މީހުންގެ އަދަދު މަދު ވެގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި އެ ތިއޭޓަރުން ކާޑޯވެސްކިއުލާ ސާޖަރީ އާއި އެންޑޯވެސްކިއުލާ ސާޖަރީ އާއި ނިއުރޯ ސާޖަރީތައް ހެދޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލާ އެކު އައިޖީއެމްއެޗުން ހެދި އެއްބަސްވުމުގައި ކްލިނިކަލް ހިދުމަތްތައް ދީ އަދި ކްލިނިކަލް ކަންކަން ބެލެހެއްޓުމާއި އެ ސެންޓަރުގެ ތެރެއިން ދިވެހި ޑޮކްޓަރުންނަށް އިތުރު ތަޖުރިބާ ދިނުން ހިމެނެއެވެ.

އެ ސެންޓަރު ހިންގަން ސޮއިކުރި ދުވަހުން ފެށިގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށް މެޑިޓްރީނާއަށް 28.7 މިލިއަން ޑޮލަރު (442 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެއެވެ. އޭގެ އިތުރުން، މެޑިޓްރީނާ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ހަމަ އެ މުއްދަތުގެ ތެރޭގައި މުސާރައިގެ ގޮތުގައި 355،647 ރުފިޔާ ދީފައިވާ ކަމަށް، އައިޖީއެމްއެޗުން ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކާޑިއެކް ސެންޓަރު ފެށި އިރު، އައިޖީއެމްއެޗްގައި ހުރީ ހިތުގެ ބަލިތަކުގެ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަލީ ޝަފީގެވެ. ނަމަވެސް، އިތުރު ތިން ޑޮކްޓަރުން ސްޕެޝަލައިޒްވެ، ޖުމްލަ ހަތަރު ކާޑިއޮލޮޖިސްޓުން އަންނަނީ އެ ސެންޓަރުގައި މިހާރު މަސައްކަތް ކުރަމުންނެވެ.