އާބަން ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތައް ހިންގުމުގެ ބާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދޭ ގޮތަށް ސަރުކާރުން އާބަން ޑިވެލޮޕްމަންޓް ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރުކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒު މަޖިލީހަށް ހުށަހެޅުއްވި މި ބިލް މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ބަލައި ނުގަތުމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލުގައި ހިމަނާފައި ވަނީ، ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކުރުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމެވެ. އޭގެ އިތުރުން އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުންވެސް މި ބިލު ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ބިލުގައި ވަނީ ސިޓީ ހިމެނޭ ގޮތުން ދިރިއުޅޭ ޖުމުލަ އާބާދީގެ އަދަދު 150،000 އަށްވުރެ ބޮޑު ސަހަހައްދުތަކަކީ މެޓްރޮޕޮލިޓަން ސަރަހައްދު ކަމަށް ކަނޑައެޅުމަށެވެ. އަދި އާބަން ސެންޓަރުތައް ހިމެނޭ، ސަރަހައްދުގައި ދިރިއުޅޭ ޖުމުލަ އާބާދީގެ އަދަދު 50،000 އަށްވުރެ ބޮޑުނަމަ، އާބަން ރީޖަންގެ ގޮތުގައި ސިޓީއެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވުމާ އެކު ޖުމުލަ އާބާދީ 10،000 އަށްވުރެ ބޮޑުނަމަ، އާބަން ސެޓަރުގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން އާބަން ސަރަހައްދުތައް ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ އެގޮތަށް ކަނޑައަޅާ ސަރަހައްދުތަކަކީ ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ނަމަވެސް އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީކުރުމުގެ ހުރިހާ ބާރެއް އޮންނާނީ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ކަމަށެވެ. ކައުންސިލްތަކުން ހަމައެކަނި ބަލަހައްޓާނީ އެ ސަރަހައްދެއްގެ މުނިސިޕަލް ހިދުމަތްތައް ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބުނާ ގޮތުން އެކަމަށްޓަކައި އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އެކުލަވައިލުމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ގާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުން ވެސް އެ އޮތޯރިޓީއަށް ބަދަލުވާނެ ކަމަށެވެ. އެފަދަ ސަރަހައްދުތައް ޕްލޭން ކުރުމާއި ތަރައްގީކުރުމުގެ ކަންކަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންދާނީ އެ ސަރަހައްދެއްގެ ކައުންސިލާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.