ބިދޭސީންނާބެހޭ ފީ ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ބިދޭސީން ރާއްޖެ ގެންނަ ކުންފުނިތަކުގެ ވެރިންނާއި މީހުންނާއި ބައްދަލުކުރައްވައި މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ރާއްޖެއަށް ބިދޭސީން އެތެރެކުރާ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ ބިދޭސީން ރާއްޖެ ގެނެސް އެމީހުންނަށް ވަޒީފާދޭ ފަރާތްތަކުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ފީއެއް ބޮޑުކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށެވެ.
"ކޯޓާ ފީ، ވޯކް ވިޒާ ފީ ހިމެނޭހެން މިހާރު މިނެގޭ ފީތައް އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް." އިހުސާން ވިދާޅިވިއެވެ.
އޭގެ އިތުރުން އިހުސާން ވިދާޅިވީ މިހާރު ސަރުކާރަށް ނުދައްކައި ހުރި ފީތައް ބާރަ މަސް ދުވަހަށް ނުވަތަ 8 މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައްވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ރާއްޖޭގެ ވަޒީފާތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލައި، ބިދޭސީ މަސައްކަތްތެރިން ދައްކަން ޖެހޭ ވޯކް ޕާމިޓް ފީއާއި ކޯޓާ ފީ، ކޮންމެ ދޮޅު އަހަރަކުން އެއް ފަހަރު ބޮޑު ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އާދިއްތަދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
މަޖިލީހުން ފާސްކުރި ބިލުގައި ވާ ގޮތުންނަމަ އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ގަވާއިދަކުން ކަނޑައަޅައި އަހަރަކު ދެ ފަހަރު އާންމުކުރަންވާނެ ކަމަށެވެ. އެގޮތަށް ކަނޑައެޅުމުގައި އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް، ތަފާތު ގިންތިތަކަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އިހުސާން ވިދާޅުވީ މިހާރު މަހުން މަހަށް ފީ ދެއްކުމުގެ ބަދަލުގައި ބަލްކްކޮށް ދެއްކޭނެ އިންތިޒާމް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު