ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރަކު މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްއާ ގުޅޭ ގޮތުން މައްސަލަތަކެއް ފާހަގަކޮށް އެ ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްމާއީލް ސާޖިދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވި މައްސަލައެެކެވެ.
ސާޖިދު މަޖިލީހަށް ހުށަހެޅި ސިޓީގައި ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކުގެ ބެންޗް ކަނޑައަޅާއިރު ފައިސާގެ ބޮޑެތި އަދަދު ހިމެނޭ މައްސަލަތަކުގައި އަބަދު އެއް ބަޔަކު ތިބެގެން ނާޖާއިޒު ފައިދާތަކެއް ނަގާ ކަމާއި ޓްރައިބިއުނަލްގެ ރައީސަށް އާދަޔާ ހިލާފު ތަނަވަސްކަމެއް ލިބި، ކާރާއި ސައިކަލާއި އެޕާޓްމަންޓް ފަދަ މުދާ ހޯދަމުންދާ ކަމާއި ރާއްޖެއިން ބޭރަށް ގިނަ ދަތުރުތައް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އޭގެ ތެެރެއިން އަމިއްލަ ދަތުރެއްގައި ތައިލެންޑަށް ވަޑައިގެން، ތައިލެންޑްގެ އެމްބަސީ މުވައްޒަފުން މެދުވެރިކޮށް އެތަނުގެ ސެންޓްރަލް ކޯޓުގެ އިސް ފަނޑިޔާރާ ބައްދަލުކޮށްފައިވާ ކަމަށާއި އެއީ އިޖުރާއަތް ފުރިހަމަ ނުވުމުގެ ސަބަބުން ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމާފައިވަނިކޮށް، ލޯ ފާމަކަށް ފަހިވާ ގޮތަށް މައްސަލައެއް ބަލައިގަތުމަށް ނިންމުމުގެ މުގާބިލެއްގެ ހަދިޔާއެއްގެ ގޮތުން ލިބުނު ދަތުރެއް ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
ޓްރައިބިއުނަލްގެ މެންބަރަކާއި ކުރީގެ ފިނޭންސް މިނިސްޓަރާ އޮންނަ ގުޅުމުގެ ސަބަބުން ޓްރައިބިއުނަލަށް ބޭނުންވާ ބަޖެޓު ވަރަށް ފަސޭހައިން ލިބޭކަމަށާއ،ި 10 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުމުން 12 މިލިއަން ރުފިޔާ ހަމަޖެހުނުކަމަށާއ،ި ޓްރައިބިއުނަލްގެ އޮފީސް އިމާރާތް ކުއްޔަށް ހިފިއިރު ދައްކަން ޖެހޭކަމަށް ނެތް އެޑްވާންސް ފައިސާއެއް ދިނުމަށް، ބަލަންޖެހޭވަރަށް ނުބަލައި ފިނޭންސް މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
މީގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށް ހުރަސް އަޅާތީ، ޓްރައިބިއުނަލްގެ ރަޖިސްޓްރާއަށް އެތަނުގެ ރައީސާއި ނައިބު ރައީސް، އެކި ފަހަރު މަތިން އިންޒާރުދީފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ. އަދި ޓްރައިބިއުނަލްގެ މެންބަރުކަން ލިބުމުން ބައެއް މެންބަރުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާ ކަމާއި ބައެއް މެންބަރުން ރާއްޖެއިން ބޭރަށް ދަތުރުކުރުން ފަދަ ކަންކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ހިމަނާފައިވެއެވެ.
ޓްރައިބިއުނަލްގެ އެހެން މެންބަރުންނަށް ގިނަ ތުހުމަތުތަކެއް އެ ސިޓީގައި ހިމަނާފައިވާއިރު، ޓްރައިބިއުނަލްގެ ގިނަ ކަންކަން ކުރެވެމުންދަނީ ދައުލަތަށް މާލީ ގޮތުން ގެއްލުންވާ ގޮތަށް ކަމަށާއި އެ ޓްރައިބިއުނަލްގެ ބައެއް މެންބަރުންގެ ފަރާތުން މެންބަރުންނަށާއި މުވައްޒަފުންނަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށްވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން ޓްރައިބިއުނަލުން ބޭކާރު ހަރަދުތައް ކުރާ ކަމަށާއި މައްސަލަ ބެލުމުގައި ކަންކަންކުރާ ގޮތުގެ ކަންބޮޑުވުންތަކެއްވެސް ވަނީ ހުށަހަޅައިފައެވެ.
އެ ސީޓީގައިވާ ކަންތައްތަ ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެ ކަންތައްތައް ބެލުމަށްފަހު، ކޮމިޓީން ފާސްކޮށް ރެކޮމެންޑޭޝަންތަކެއް ހިމަނައި، ކަމާބެހޭ ރިޕޯޓެއް މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. އެ ރިޕޯޓްގައި މަޖިލީހަށް މައްސަލަ ހުށަހެޅި މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބަވާ ހަތަރު މެންބަރުން މަގާމުން ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމަށް ހިމަނާފައިވެއެވެ.
ވަކިކުރަން ފާސްކުރި މެންބަރުންގެ ތެރޭގައި ހިމެނެނީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި މެންބަރު އަހުމަދު އަޝްރަފާއި މެންބަރު ހަޖީދާ ނައީމެވެ. މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށާއި ނުހައްގު މުއްސަނދިކަމާއި ކޮރަޕްޝަންގެ ތުހުމަތުތައްކޮށް، އެ މެންބަރުންގެ މައްސަލަ ތަހުގީގު ކުރަން އޭސީސީއަށް ހުށަހެޅުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެެވެ.
އޭގެ އިތުރުން ޓްރައިބިއުނަލް ހިންގާ އިމާރާތަކީ އެކަމަށް ބޭނުންވާވަރަށްވުރެ ބޮޑު އިމާރާތަކަށްވާތީ، ދައުލަތަށް މާލީ ގޮތުންވާ ގެއްލުން ކުޑަކުރުމަށް އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާއި ޓްރައިބިއުނަލްގެ މައްސަލަތަކުގެ ބެންޗް ކަނޑައެޅުމަށާއި ބެންޗްގެ ރިޔާސަތު ކަނޑައެޅުމަށް، ގަވާއިދުގެ ދަށުން ރައީސަށް ފުރުސަތު އޮތުމުން އިންސާފުވެރިކޮށް މައްސަލައެއް ބެލިގެންދާނެކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތުމުން ޝަރުއީ ކޯޓުތަކުގައިވެސް އޮންނަ ގޮތަށް، ކަނޑައަޅާފައިވާ ވަކި ތަރުތީބަކުން މައްސަލަތަކުގެ ބެންޗް ކަނޑައެޅިގެންދާނެ ފަދަ ގޮތަކަށް ގަވާއިދު އިސްލާހުކުރަންވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.
ކޮމިޓީން ހިމަނާފައިވާ ކަންތައްތައް އެގޮތަށް ކުރިއަށް ގެންދަން މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކުރީ އެ ވަގުތު ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު