މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުކުރާ އައިޖީއެމްއެޗުގެ ސީނިޔާ ނަރުސް ސަސްޕެންޑުކޮށްފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް މިއަދު "ވަން" އަށް ވިދާޅުވީ ސީނިޔާ ނަރުސް ފުލުހުންގެ ތަހުގީގަށް ގެންދިޔަ ދުވަހު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
"އެދުވަހު ފުލުހުން އޭނާ ގެންދިޔަ. މައްސަލަ ތަހުގީގު ކުރާތީ އަޅުގަނޑުމެން (އައިޖީއެމްއެޗްއިން) އިންނާނެ ސަސްޕެންޑުކޮށްފައި. ސަސްޕެންޝަންއަށް ފަހު މައްސަލަ ބަލާފައި ގޮތެއް ނިންމާނީ." ހަލީމް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އެ މައްސަލައިގައި ނަރުސް މީހާ ބަންދުކޮށްފައި ނުވާ ކަމަށެވެ.
އައިޖީއެމްއެޗް އޮފިޝަލަކު އިއްޔެ "ވަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލުގެ ސީނިޔާ ނަރުހެއް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މީގެ ދެ ހަފުތާ ކުރިން ޝައްކު ކުރެވޭތީ ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރި ކަމަށެވެ.
އެއީ ކުރިން ވޯޑް މެނޭޖަރެއްގެ މަގާމުގައި ހުރި ސިނިޔާ ނަރުހެއް ކަމަށާއި މީގެ ދެ މަސް ދުވަސް ކުރިން އޭނާގެ ޕާފޯމަންސްއަށް ބެލުމަށް ފަހު ވޯޑް މެނޭޖަރު ކަމުގެ މަގާމުން ވަކި ކުރި ކަމަށް ވެސް އައިޖީއެމްއެޗް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު