މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް، ވިމެންސް އެޑިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމަށް ހައްލު ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

ދިރާގުން ބުނި ގޮތުގައި އެ ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުން ހިމެނޭ ދެ ޕެނަލެއް ހިމެނޭނެ ކަމަށެވެ.

ދިރާގުގެ ބްރޭންޑް އެންޑް އިވެންޓްސް މެނޭޖަރު ނާޔާ ޝަރީފް ވިދާޅުވީ، އެ ކޮންފަރެސްގެ ޑިޖިޓަލް ޕާޓުނަރަކަށްވުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށެވެ.

"ދިވެހި ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން މި ދާއިރާ އިތުރަށް ކުރިއެރުވުމަށާއި އެ ސިނާއަތުގެ އޮޕަރޭޝަންތައް އިތުރަށް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މިފަދަ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނާޔާ ޝަރީފް ވިދާޅުވިއެވެ.

މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން ވިދާޅުވީ، "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް–ވިމެންސް އެޑިޝަން 2024" އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް މަޓާޓޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ.

"މި އެޑިޝަން ގެނައުމަށް ދިރާގާ އެކު ބައިވެރިވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" ސޫޒަން ވިދާޅުވިއެވެ.

"މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް–ވިމެންސް އެޑިޝަން 2024" އޮންނާނީ ހޯމަ ދުވަހު ހޮޓެލް ޖެންގައެވެ.