މަޝްހޫރު ވިޔަފާރިވެރިޔެއް ކަމަށްވާ މުހައްމަދު ޒާހިރު، އޯކޭ ޒާހިރު އަވަހާރަވެއްޖެއެވެ.

ޒާހިރު އަޗަހާރަވީ ލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30ގައެވެ. އޭނާ އަވަހާރަ އިރު އުމުރަކީ 76 އަހަރެވެ.

އަދި އަވަހާރަވި އިރު ޒާހިރުގެ އަންބަކާއި ނުވަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

ޒާހިރުއަކީ ރާއްޖެއަށް ޑިމޮކްރެޓިކް ބަދަލުތައް ގެންނަން އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް އެކްޓިވިސްޓެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޒާހިރަކީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރެކެވެ. އަދި އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަން އޭނާ ކުރެއްވިއެވެ.

ޒާހިރަކީ އުފެއްދުންތެރި އަދި އިޖާދީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގައިވިމް ޕައުޑަރު (ތިރުނަ ޕައުޑަރު)، ބްލީޗިން ލިކުއިޑް (ފަސޭހަ ލިކުއިޑް)، އުއްބައްތި (ރީތިއަލި)، މޫނުގައިޖަހާ ފުށް (ރެހެންދި ޓެލްކަމް ޕައުޑަރު)، ހާޕިކް ލިކުއިޑް (ސާފް ލިކުއިޑް) އުފައްދައިފައެވެ.

އަދި މަހުގެ ބާވަތްތަކާއި ހުއިފިލަނޑާ ވެސް އޭނާ އެކްސްޕޯޓު ކުރެއްވިއެވެ. އޭނާ ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގައި ވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ޒާހިރަށް ވަނީ 1993 ވަނަ އަހަރު އިގުތިސޯދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.