ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ވެހިކަލް ޓޯކުރާނެ ނުވަ ސަރަހައްދެއް ކަނޑައަޅައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރަން މުއައްސަސާތަކުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ގިނަ ބަޔަކު ވަދެނުކުމެ ހަދާ ތަންތަނުގައި ދަތިވާ ގޮތަށް ޕާކުކުރާ ވެހިކަލްތައް ޓޯކުރާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ވަނީ ޓޯކުރާނެ ނުވަ ސަރަހައްދެއް އަދިވެސް ކޮންޓިނުއަސްލީ ޓޯކުރަމުންދާނެ ނުވަ ސަރަހައްދެއް ކަނޑައަޅާފައި. އަޅުގަނޑުމެން މިއަދު އިއުލާން ވެސް ކޮށްލާނަން އެއީ ކޮންކޮން ތަނެއްތޯ. އޭގެ ތެރޭގައި ހާއްސަކޮށް ސްކޫލްތަކުގެ ކައިރި، މިސްކިތްތަކުގެ ކައިރި. އާންމު ޕަބްލިކް ގިނަމީހުން އެއްވެ އުޅޭ ތަންތަނަށް ވަދެނިކުމެ ހެދޭ ޖާގަތައް، އެ ހިމެނިފައިވާ ތަންތަން،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މާލޭ ސަރަހައްދު ނޫން އެހެން ޒޯންތަކަކަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއް ފުލުހުން ޓޯކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ރަޖިސްޓްރޭޝަނެއް ނެތް ސައްހަ ނޫން ނަންބަރު ބޯޑު ޖަހައިފައިވާ ވެހިކަލްތަކެއް ވެސް ޓޯކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"މި އުޅަނދުތައް އެ އުޅަނދުތަކުގެ ވެރިފަރާތުން މިނިސްޓަރު (ޓްރާންސްޕޯޓް މިނިސްޓަރު) އެ ފާހަގަކުރެއްވިހެން 40 ދުވަހުގެ ތެރޭގައި ކަނޑައަޅާ ސަރަހައްދަށް ގެންގޮސްފައި، އެތަނުގައި ބާއްވައިގެން ހަ މަސް ދުވަހުގެ ތެރޭގައި ރަސްމީ ސިފައެއްގައި އެތަކެތި ރަޖިސްޓްރީކުރުމަށް މިހާރު މި ފުރުސަތު ހުޅުވާލީ،" އިހުސާން ވިދާޅުވިއެވެ.

އެ 40 ދުވަހުގެ މުއްދަތަށްފަހު މަގުތަކުގައި އޮންނަ އެފަދަ އުޅަނދުތައް ފުލުހުން ޓޯކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން 40 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ބިމަށް ވެހިކަލް ގެންދިއުމަށްފަހު ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް އެދިވަޑައިގަންނަވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ސަރުކާރުން ވެސް ބޭނުންވަނީ ރައްޔިތުން ބޮޑު އަގުގައި ގަނެފައިވާ އުޅަނދުތައް މަގުތަކުގައި ގަވާއިދުގެ ތެރެއިން ދުއްވޭނެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް ކަމަށް އިހުސާން ވިދާޅުވިއެވެ.