ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތިން ބިލަށް މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ފޮރިން އިންވެސްޓްމަންޓުގެ ބިލާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މީގެ ތެރެއިން ފޮރިން އިންވެސްޓްމެންޓުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ. އަދި މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނުނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދެވެ.

މި ބިލުތަކުގެ ތެރެއިން ފޮރިން އިންވެސްޓްމެންޓު ބިލު ބަލައިގަތީ 81 މެންބަރުން ވޯޓުންނެވެ. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ބަލައިގަތުމަށް 80 މެންބަރުން، އަދި ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް 82 މެންބަރުން ވޯޓު ދެއްވިއެވެ.

މި ބިލުތައް މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް، މަޖިލިސް ރައީސް ވަނީ އިގުތިސާދީ ކޮމިޓީއަށް ފޮނުއްވައިފައެވެ.