ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު މިއަދުވެސް މަޖިލީހަށް ހާޒިރުކުރައްވާފައިވަނީ ބ. ކެންދޫ ދާއިރާގެ މެމްބަރު، މައުރޫފް ޒާކިރު ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ. އެއީ، މިދިޔަ ސަރުކާރުން ލައިޓް ޖަހަން ނިންމާފައިވާ، ބ. ކެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓް ޖެހުމުގެ އިތުރުން، އެ ރަށުގެ ފުޓްސަލް ދަނޑާއި ހޭންޑްބޯލް ކޯޓު އެޅޭނެ އިރެއް ސާފުކުރުމަށެވެ. މިދިޔަ މަހުގެ 17 ވަނަ ދުވަހުވެސް ރާފިއު މަޖިލީހަށް ހާޒިރުކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރު ޒާކިރުގެ ސުވާލަކަށް ޖަވާބުދެއްވުމަށެވެ. އެއީ ބ. ކަމަދުއާއި ބ. ކިހާދޫގެ އިތުރުން ބ. ދޮންފަނުގެ ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތް ފަށައި، ނިންމާލެވޭ ދުވަހެއް ސާފުކުރެއްވުމަށެވެ.
އޭގެ ކުރިން މިދިޔަ މެއި މަހުގެ ތެރޭގައި 19 ވަނަ މަޖިލީހަށްވެސް މިނިސްޓަރު ރާފިއު ހާޒިރުކޮށް މެމްބަރުން ވަނީ ސުވާލުކުރައްވައިފައެވެ. އެ ހުރިހާ ޖަލްސާއެއްގައިވެސް މެމްބަރުން ކުރައްވަމުން ގެންދަވާތަން ފެނުނީ ހަމަ އެއް ސުވާލުތަކެކެވެ. މިނިސްޓްރީގެ ބަޖެޓާއި، ޕްރޮކިއުމަންޓާ ގުޅުންހުރި ސުވާލުތަކެވެ. އަދި މައިގަނޑުކޮށް ރަށްރަށުގައި ހިންގާ ކުދި ޕްރޮޖެކްޓުތަކާ ގުޅުން ހުރި ސުވާލުތަކެވެ. ނަމަވެސް އެއްވެސް މެމްބަރަކު ރާއްޖޭގެ ކުޅިވަރު ދާއިރާއިން ފާހަގަކުރެވޭ ބޮޑެތި ކަންބޮޑުވުންތަކާ ބެހޭ އެއްވެސް ސުވާލެއް މިނިސްޓަރާ ކުރައްވައިފައެއް ނުވެއެވެ.
ކުޅިވަރަކަށް މައިގަނޑުކޮށް ކުރެއްވި ސުވާލެއް ފެނުނީ މަދު ފަހަރަކުއެވެ. އެވެސް ވަރަށް ހަނި ގޮތަކަށް ކުރެއްވި ސުވާލުތަކެވެ.
މިއަދުގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށް މެމްބަރު ޒާކިރުގެ ފުރަތަމަ ސުވާލަށް މިނިސްޓަރު ޖަވާބުދެއްވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެމްބަރުން އިތުރު ސުވާލުތައް ކުރެއްވުމަށް 30 މިނެޓުގެ ވަގުތެއް ދެއްވައިފައެވެ. އެ ވަގުތުގައި އެކިއެކި ދާއިރާތަކުގެ މެމްބަރުން ފުރުސަތު ހޯއްދަވައި ސުވާލުކުރެއްވި އިރުވެސް، ޖުމުލަކޮށް ކުޅިވަރުގެ ޕޮލިސީ ފެންވަރުގެ އެއްވެސް ސުވާލެއް ކުރެއްވިތަނެއް ނުފެނުނެވެ. ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގައި ކުރިން މަސައްކަތްތައް ކުރެއްވި މެމްބަރުންވެސް މަޖިލީހުގައި އެބަ ތިއްބެވިއެވެ. އޭގެ ތެރެއިން ބައެއް މެންބަރުންނަކީ ކުޅިވަރުގެ ބައެއް ކަންތައްތަކާ ބެހޭގޮތުން ކަންބޮޑުވެވަޑައިގެން މިހާރުވެސް ވާހަކަދައްކަވަމުން ގެންދަވާ މެންބަރުންނެވެ. އޭގެ ތެރޭގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުވެސް ފާހަގަކޮށްލެވެއެވެ.
އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ތޯރިގު ގެންދަވަނީ ފުޅުބޯޅައިގެ ދާއިރާއިން ހުރި ކަންބޮޑުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްތަކެއް ކޮށްދެއްވަމުންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް މެމްބަރެއްގެ ފަރާތުންވެސް ރައްޔިތުން އެންމެ ބޮޑަށް ޖަވާބު ބޭނުންވާ ދާއިރާއަކަށް ސުވާލު އަމާޒުކުރެއްވިތަނެއް ފެނިގެނެއް ނުދިޔައެވެ.
ކުޅިވަރުގެ ދާއިރާއިން ކުރަން އޮތް އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި، މިދިޔަ 19 ވަނަ މަޖިލީހާއި މިހާރު އޮތް 20 ވަނަ މަޖިލީހަށްވެސް، މިހާތަނަށް ފާހަގަވެފައި އޮތީ ކުޅިވަރު ގާނޫނުގެ އިސްލާހާ ގުޅޭ މަސައްކަތްތަކެވެ. އެ މަސައްކަތުގެ ތެރެއިން މިނިސްޓްރީން މިހާރު ވަނީ އެޓާނީ ޖެނެރަލް އޮފީހާއެކު މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެ އިސްލާހުތަކާ ގުޅޭ ބައެއް ވާހަކަތައް މިނިސްޓަރު ވަނީ އެކި ފަހަރުމަތިން ދައްކަވައިފައެވެ. އެގޮތުން ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ގާނޫނީ ގޮތުން ހިމަނުއްވާފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.
އެކަންކަން މުހިއްމުވެފައި އޮތް މި ދަނޑިވަޅުގައި ކުޅިވަރުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ އެއްވެސް ކަމެއް ސާފުކުރައްވަން މިއަދު މެމްބަރަކު ސުވާލުކުރެއްވިތަނެއް ނުފެނެއެވެ. އޭގެ އިތުރުން މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލުމުގެ ދަށުން ހިންގަމުންދާ އެސޯސިއޭޝަންތަކުގެ ހާލަތަށްވެސް ސުވާލެއް ނުކުރައްވައެވެ.
މިވަގުތުވެސް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެގެން ފަސް މަހަށްވުރެ ގިނަވެފައިވާ އިރު، އެ އެސޯސިއޭޝަނުގެ އިދާރާ ހިންގުން ކޮރަޕްޝަނުގެ ތެރެއިން ގޮސް، މިހާރު އޮތީ ގާނޫނީ އިމުންވެސް ބޭރުގައެވެ. އޭގެ އިތުރުން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ފީފާއިން ނޯމަލައިޒްކޮށް ސަރުކާރާއެކުވެސް މަޝްވަރާކޮށް، ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލަން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އެ ކޮމިޓީއާއި ފުޓުބޯޅައިގެ ހާލަތާ ގުޅޭ ސުވާލެއްވެސް ކުރެއްވިތަނެއް މިއަދުވެސް ނުފެނެއެވެ. ހާއްސަކޮށް މިވަގުތު އެތައް ކުޅުންތެރިންނެއް މަގުމަތިވެ، ފުޓުބޯޅަ ހުއްޓިފައި އޮތްކަން ފާހަގަވެގެން ދެއެވެ.
މިއަދުގެ ސުވާލުކުރުމަށްފަހު ބައެއް ކުޅިވަރު އާއިލާގެ ބޭފުޅުން ވަނީ މަޖިލީސް މެމްބަރުންގެ ސުވާލުތަކަށް، ސުވާލު އުފައްދައިފައެވެ.
"އެޑްމިނިސްޓްރޭޓިވް ކަންކަމާ ކުދިކުދި ސުވާލުކުރައްވަން މިނިސްޓަރު ހާޒިރުކުރެއްވުމަށްވުރެ ބޮޑަށް ޕޮލިސީއާ ގުޅޭ ސުވާލުތައް ކުރައްވަން މާ ރަނގަޅު ކަމަށް ފާހަގަކުރޭ. އޭރުން ދެ ފަރާތަށްވެސް ވަގުތު ސަލާމަތް ކުރެވޭނެ،" ކުރިން ކުޅިވަރުގެ ހިންގުމުގައި ހަރަކާތްތެރިވި ފަރާތެއް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.
އެ ވާހަކައިގެ ތެރެއިން ބައެއް މީހުން ފާހަގަކޮށްފައިވަނީ ޕްރޮޖެކްޓުތަކުގެ އަދާހަމައަކީ ލިޔެކިޔުމުން ހޯދިދާނެ މައުލޫމާތު ކަމަށާއި، އޭރުން އެ މައުލޫމާތު ސާފުވެސް ވާނެ ކަމަށް ފާހަގަކޮށްފައެވެ. އަދި އެ މައުލޫމާތަށްވުރެ ބޮޑަށް މެމްބަރުންގެ ވިސްނުން، އަތޮޅު ތެރެއިން ހުނަރުވެރި ޒުވާން އެތުލީޓުން އުފެއްދުމުގެ ޖުމުލަ ހައްލަކަށް ދިއުން މުހިއްމު ކަމަށްވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް