ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓް ހަދަން އިންޑިއާ އިން ނެގި ކްރެޑިޓް ލައިނުގެ 300 މިލިއަން ޑޮލަރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުން ކުރަން ރަސީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވާފައިވާ ކުއާޓަލީ ޑެޓް ބުލެޓިން، ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން އަދި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓު ތަރައްގީކުރަން އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ފައިސާ ބޭނުންކުރަން ނިންމާފައިވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން 800 މިލިއަން ޑޮލަރުގެ ކްރެޑިޓު ލައިނެއް ދޫކުރަން ނިންމީ މީގެ ކުރިން އޮތް އެމްޑީޕީ ވެރިކަމުގައެވެ.

"މިހާރު ލިބިފައި ހުރި ފައިނޭންސިން ފެސިލިޓީތައްވެސް ހައުސިންއަށް ފޯކަސްކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ލައިން އޮފް ކްރެޑިޓުގެ 300 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް އެވެއިލެބަލް ކުރެވޭނެ ހައުސިންއަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާ ބޭނުންކޮށްގެން 4000 ފްލެޓު އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް، ހައުސިންއަށް ދެއްވާ ކަމަށާއި ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ހައުސިން މަޝްރޫއުތައް ފަށައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދެވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވެހިކަމުގެ އާ، އަދި ބޮޑު މަޝްރޫއެއް ފަށާނެ ކަމަށް މިދިޔަ ހޯމަ ދުވަހު ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެ ދުވަހުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.