ރައްޔިތުންނާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ބަޔާނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ޓެކްސްއާ ބެހޭ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ 2025 ގައި ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރުމަށްޓަކައި ގެންނަން ޖެހޭ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާނީ، ސީދާގޮތުން އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކުހެއް ބޮޑުނުކޮށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ދައުލަތުގެ ބޭރުގެ ދަރަނި ދެއްކުމާއި، އާންމު ފަރާތްތަކުގެ ބިލުތައް ދެއްކުމަށް މިވަގުތު ދިމާވެފައިވާ ހުރަސްތައް ކަމަށެވެ.
އެއާއެކު ދެން ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އަންނަ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ދައްކަން ޖެހޭ ބޭރު ދަރަނީގެ އަދަދު ބޮޑުވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ކަންކަން ހަމަޔަކަށް އަޅުވައި ދަރަނީގެ ދެމެހެއްޓުން އިތުރުކުރަން މާލީ އިސްލާހީ ފިޔަވަޅުތަކެއް ނާޅައި ދެން ކުރިއަށް ދެވެން ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން ކުރުމަށް ހަރަދު ކުޑަކުރުމާއެކު އާމްދަނީ އިތުކުރަން ޖެހޭ ކަމަށެވެ.
އެކަމަށްޓަކައި އާމްދަނީ އިތުކުރުމާއި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅާނީ ރައްޔިތުންނަށް ތަކުލީފު ކުޑަވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމުގެ ތެރެއިންވެސް ޓެކްސްތައް ބޮޑުކުރާ އިރު، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އާންމު ރައްޔިތުން ދައްކަން ޖެހޭ ޓެކްސްތައް ބޮޑުނުކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތު ހޯލްޑިން ޓެކްސް ފަދަ ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެގޮތަށް ނިންމެވީ މިދިޔަ ސަރުކާރުގެ ތެރޭ ވަރަށް ފަހުން ވެސް ޓެކްސްތައް ބޮޑުކޮށްފައިވާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެެން ޓެކްސް ރޭޓުތައް ބޮޑުކޮށްފައިވާ އިރު، ސަރުކާރުގެ ވިސްނުމަކީ ޓެކްސް ބޭސް ފުޅާކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. އަދި 2026 ވަނަ އަހަރު ބޭރުގެ ބޮޑު ދަރަނި ދައްކަން ތައްޔާރުވުމުގެ ގޮތުން ބޮޑުކުރަން ވިސްނަނީ ޑޮލަރުން އާމްދަނީ ލިބޭ ގޮތަށް ހުރި ޓެކްސްތަކާއި ފީތައް ކަމަށް ވެސް ވިދާޅުވިއެވެ.
"އެއީ ޑޮލަރުން ދައްކަން ޖެހޭ ދަރަނިތަކެއް، ސޮވަރިން ޑިވެލޮޕްމެންޓު ފަންޑު ބިލްޑު ކުރެވޭ ގޮތަށް އެ އަމާޒުގައި މަސައްކަތްކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ގްރީންޓެކްސް އާއި ސިއްހަތަށް ގެއްލުންވާ ތަކެތީގެ ޑިއުޓީ އާއި އެއާޕޯޓު ޑިވެލޮޕްމެންޓު ޓެކްސް އާއި ޑިޕާޗާ ޓެކްސް ފަދަ ޑޮލަރުން ނަގާ ފީތައް ބޮޑުކުރަން ވިސްނާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަަމަވެސް މިނިސްޓަރު ވިދާޅުވީ، އެއާޕޯޓް ފީ ބޮޑުކުރާއިރު ވެސް އެއާޕޯޓުން ފުރާ އާންމު ދިވެހިންގެ އަތުން އެ ފީ ބޮޑުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު