އޭޑީކޭ ހޮސްޕިޓަލަށް ދައުލަތުން ދައްކަން ޖެހޭ 251 މިލިޔަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް އޭޑީކޭ ގްރޫޕްގެ ޗެއާމަން އަދި ކޮމަންޑޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނާޝިދު ވިދާޅުވެއްޖެއެވެ.

ނާޝިދު މިހެން ވިދާޅުވީ، އެފައިސާ ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭޑީކޭގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެން ބޭއްވި އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެކަމާބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

ނާޝިދު ވިދާޅުވީ އެ މައްސަލައިގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މާލިއްޔަތު ކޮމިޓީ އަށް އޭޑީކޭއިން ސިޓީ ފޮނުވި އިރު، ދައުލަތުން އޭޑީކޭއަށް ދައްކަން އޮތީ، 166 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އޭގެ ދެ މަސް ފަހުން އެ އަހަރުގެ ޑިސެމްބަރު މަހު އެ އަދަދު 200 މިލިއަން ރުފިޔާ އަށް ބޮޑުވެފައިވާތީ ފިނޭންސް މިނިސްޓްރީ އަށް ސިޓީ ފޮނުވި ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.

ދައުލަތުން ދައްކަންޖެހޭ ފައިސާ އޭޑީކޭ އަށް ދައްކަމުން އަންނަނީ މަހަކު 25 މިލިއަން ރުފިޔާގެ މަގުން ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. ނަމަވެސް ކޮންމެ މަހަކު ދައުލަތުން ދައްކަން ޖެހޭ ފައިސާގެ އަދަދު 40 މިލިއަނަށް ވުރެ މައްޗަށް އަރާ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޓް ކުރުމުގެ ހަރަދަށް ކޮންމެ ދުވަހަކު 1.5 މިލިޔަން ރުފިޔާ، މަހެއްގެ މައްޗަށް 45 މިލިއަން ރުފިޔާ އަރާ އިރު، 25 މިލިޔަން ރުފިޔާއަކީ ދެކޮޅު ޖެއްސޭނެ އަދަދެއް ނޫން ކަަމަށެވެ. އަދި އެގޮތަށް ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބި ދާ ނަމަ، އަންނަ އަހަރުގެ މިއަދާ ހަމައަށް އަންނަ އިރު 400 މިލިއަން ރުފިޔާ އާ ހަމައަށް ފައިސާގެ އަދަދު މައްޗަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލަ ފޫބެއްދުމަށް އެކިއެކި ބޭންކުތަކުން ނަގާފައި ހުރި ފައިސާގެ ޖުމްލަ އަދަދު 150 މިލިއަނަށް އަރާ ކަމަށާއި އެ ފައިސާގެ އިންޓްރަސްޓަށް އިތުރު 17 މިލިއަން ދައްކަން ޖެހޭ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.

ދައުލަތުން ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން އެ ކުންފުނީގެ މާލީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކޮންމެހެން ބޭނުންވާ ސިއްހީ ސާމާނު ނުލިބި، ހޮސްޕިޓަލް ހިންގުން ހުއްޓާލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.