ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ކަރުދާސްގަނޑެއްގައި ރަޖިސްޓަރީއެއް ހަދާފައި ދިނުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި މިދިޔަ ސަރުކާރުން އެކަން ކޮށްފައި އޮތީ ވަރަށް ޒިންމާދާރު ކުޑަކޮށް، އުސޫލުތަކާ ހިލާފަށް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގައި ހިންގުނު އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ. އެ ސިފަކުރާ ސަބަބަކީ ހުޅުމާލެއިން ހަދާފައި އޮތް ގޯތި ލިސްޓަށް އެކަނިވެސް އެބަ އަރާ 5.4 ބިލިއަން ރުފިޔާ، އޭގެ އަގު. އެހެންނަމަވެސް މާލެ ރައްޔިތުންނަށް ގޯތި ދޭން، އެ ބަސް އެހެން ގެންނަ ކަމަށްވަންޏާ މާލޭގައި ވެސް ގޯތި ބޭނުންވާ ރައްޔިތުންނަށް ވެސް ގޯތި ލިބެންވާނީ ހިލޭ. މިއަދު ވެސް އެދަނީ އިއުލާންކުރަމުން ގޯތި ވިއްކަމުން. ހަމަ މާލެ ރައްޔިތުން ވެސް އެބަ ބައްލަވައިގަނޭ،" އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލެޓުތައް ދިނުމުގެ މަސައްކަތް ހުއްޓުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންްނެވުމުގެ ކުރިން ކަމަށާއި އޭސީސީން އެ މަސައްކަތް ހުއްޓުވީ ގިނަ މައްސަލަތަކެއް ފާހަގަވެގެން ކަމަށެވެ. އެހެންކަމުން އެއީ މި ސަރުކާރުން ހުއްޓުވި ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
"ނިމިދިޔަ ސަރުކާރުން މިއޮތީ ގޯތިތަކެއް އަދި ފުލެޓުތަކެއް ވެސް ބަޔަކަށް ދީފައި. އޭގެ ތެރޭގައި އަޅުގަނޑު ދަންނަވާނީ ހަގީގަތުގައި މިއޮތީ ގޯތި ދީފައެއް ނޫން، ގޯތި ލިސްޓެއް ހަދާފައި. ލިސްޓެއް ހެދި ކަމަށް ފާހަގަ މިކުރާ ސަބަބަކީ، އެއްޗެއް ދިނުމާއި އެއްޗެއް ލިސްޓުކުރުމާ އެއީ ތަފާތު ދެ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ. މިސާލަކަށް ގޯތި ދިން އިރުގައި އޭގެ ތެރޭގައި ގުޅިފަޅު، ގިރާވަރުފަޅު، މި ތަންތަނުން މިހުރީ ނުހިއްކާ ވަރަށް ގިނަ ބިންތަކަކުން ގޯތިތަކެއް ދޫކޮށްފައި،" އޭނާ ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ގޯތިތައް ދޫކޮށްފައިވަނީ ދައުލަތަށް ލިބިފައި ހުރި ޓެކްސް ފައިސާ އިން ހަރަދުކޮށްގެން ހިއްކާފައި އޮތް އަގުބޮޑު ބިމަކުން، ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް މަހަކަށް ވެފައިވަނިކޮށް ކަމަށާއި ގިނަ ގޯތިތައް ދޫކޮށްފައި ހުރީ ބިން ހަމަޖެހޭނެ ގޮތެއް ވެސް ހޯދައިނުދީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު