ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް ޚަލީފާއަށް ހާއްސަ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ބަހްރެއިނަށް މިހާރު ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ، އެ ގައުމުގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވައި ރައީސްގެ ސިޓީފުޅު ހަވާލުކުރައްވައިފައެވެ.

ޒަމީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލް އަމީރު ސަލްމާން ބިން ހަމަދު އަލް-ހަލީފާ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ރާއްޖެ އާއި ބަހްރެއިންގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޒަމީރު، ބަހްރެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްﷲ ލަތީފު ބިން ރާޝީދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.