ޒަމާނީ ވަސީލަތްތަކާ އެކު މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށާއި މިފްކޯގެ ހިންގުން ހަރުދަނާ ކުރުމުގައި އެކުންފުނީގެ ބޯޑުގެ ދައުރު ފުރިހަމައަށް އަދާކޮށްދެއްވާނެ ކަމަށް މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިގޮތަށް ވިދާޅުވީ މިދިޔަ ހަފްތަގެ ބުދަ ދުވަހުން ބުރާސްފަތި ދުވަހަށް ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ކުރިއަށް ދިޔަ، "މިފްކޯ އިފިޝެންސީ އެކްސަސައިޒް" ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ރިފޯމް އެޖެންޑާ ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ރިފޯމް މަސައްކަތެއް މިފްކޯގެ މެނޭޖުމެންޓުން މިހާތަނަށް ކުރުމަކީ އިސްރާފު ކުޑަކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި މެނޭޖުމެންޓަށް އިތުބާރު އެބައޮތް ކަމަށާއި ހިންގުމުގެ ތެރެއަށް ދަތިވާ ކަންކަން ހައްލުކުރުމަށް ބޯޑު ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި ކުންފުންޏަށް އެންމެ ލާބަ ހުރި ގޮތްތަކަށް ބޯޑު މެންބަރުންގެ މެދުގައި އަބަދުވެސް މަޝްވަރާ ކުރެވެމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެކަން ފާހަގަކުރެއްވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"މުވައްޒަފުންނަށާއި ކުންފުންޏަށް އޮތް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމުގައި އަޅުގަނޑު މިހުރީ ސަރުކާރާ ގުޅިގެން ބޯޑު ލެވެލްގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް. އިރާދަކުރެއްވިއްޔާ ބޯޑުގެ ނިންމުންތައް ބިނާވާނީ ކުންފުނީގެ ކުރިމަގަށް ވަރަށް ބޮޑަށް ވިސްނާފައި. އެއީ މުޅި ބޯޑުގެ ވެސް ވިސްނުން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެފަދަ މަހާސިންތާތަކުގެ ސަބަބުން ކަންކަން އޮންނަ ގޮތާއި ކަން ހިނގަމުން އަންނަ ގޮތް ސާފުވެގެންދާ ކަމަށެވެ. އަދި އެކަމަށް އޮންނަ އެންމެ ރަނގަޅު ގޮތް އިހުތިޔާރު ކުރުމަށް މަޝްވަރާކޮށް، އެންމެ ފަހުގެ އިސްތިރާޖީ ވިސްނުންތައް ކުރިއަށް ނެރެގެން ދެމެހެއްޓެނިވިކަމާ އެކު، ޒަމާނީ އާ ގޮތްތައް ހޯދައިގެން ހިދުމަތް ދިނުމަށް ފަސޭހަވެގެންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެ އެކްސަސައިޒްގެ ތެރެއިން ހިއުމަން ރިސޯސަސް މެނޭޖުމަންޓާއި ޓެކްނިކަލް އަދި އިންޖިނިއަރިން ދާއިރާއަށް ވަރަށް ބޮޑު ސަމާލު ކަމެއް ދީގެން ހަރުދަނާ ކުރަންޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ.

އޭގެ އިތުރުން އާ މާކެޓްތައް ހޯދުމުގައި މެނޭޖުމެންޓުން ކުރާ މަސައްކަތުގައި ޕޮލިސީ ލެވެލްގައިވެސް ގިނަ ނިންމުންތަކެއް ނިންމަންޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.