އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔަ އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއާއި ހަންކެޑެ ބްރިޖު މަޝްރޫއު ނިންމައި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވީ ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު އައްޑު ސިޓީއަށް މިއަދު ވަޑައިގެން، އައްޑޫ ހައި ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 184.3 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫގެ ދެ ސަރަހައްދެއް ހިމެނޭހެން 80 ހެކްޓަރު، މަރަދޫ އަދި މަރަދޫ-ފޭދޫގައި 76 ހެކްޓަރު، އައްޑޫ ޑީޓުއާ ލިންކް އެންބޭންކްމަންޓަށް ބޭނުންވާ 3.3 ހެކްޓަރު އަދި ފަތުރުވެރިކަމަށް ހާއްސަކޮށްގެން ހިއްކި 8.3 ހެކްޓަރުގެ ތިން ރަށެވެ.

ހިއްކި ބިންތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ޖުމުލަ ހަތް ކިލޯމީޓަރުގެ ބޮޑުހިލަ ޖަހާފައިވާއިރު، ފަތުރުވެރިކަމަށް ހިއްކި ތިން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ޖުމުލަ 4.1 ކިލޯމީޓަރުގެ ޖިއޯޓިއުބް ތޮށި ލާފައިވެއެވެ.

ހަންކެޑެ ބްރިޖު މަޝްރޫއުއަކީ އައްޑޫ މަގު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ބައެކެވެ. ދިގުމިނުގައި 1.5 ކިލޯމީޓަރުގެ އެ މަގު ހެދީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ކައިރިން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑެއާއި މަރަދޫއާ ގުޅާލުމަށްޓަކައެވެ.