ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔާ ރޯޑު ތަޅާލައި، 18،660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި، ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އަޅާނެ ކަމަށެވެ. އަދި 4،047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް ބުންޏެވެ.

ޖުމުލަ 29.85 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ނިންމަން ދީފައިވަނީ 180 ދުވަހެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިންގާ، ނ. އަތޮޅުގައި ހިންގާ މާފަރު އެއާޕޯޓުގައި މިވަގުތު އެއްފަހަރާ ޕާކު ކޮށްފައި ބޭއްވެނީ 13 ޖެޓެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން އެއްފަހަރާ 26 ޖެޓް ޕާކު ކުރެވޭނެ ކަމަށެވެ. މިއީ ޖެޓުތައް ޕާކުކުރާނެ ޖާގަ ނެތުމުގެ ސަބަބުން، ހާއްސަކޮށް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ޖެޓުތައް ޕާކުކުރާނެ ޖާގަ ނެތުމުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ގެނައުމަށް މުހިންމު މަޝްރޫއެއް ކަމަށެވެ.

އައިލެންޑް އެވިއޭޝަން އިން އިތުރަށް ބުނީ މާފަރު އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ ސަބަބުން ދަތިކަމެއް ނެތި މިހާރަށްވުރެ ފަސޭހައިން ހިދުމަތް ދެވޭ އެއާޕޯޓަކަށް ބަދަލުވެގެންދާނެ ކަމަށެވެ.