ޓެކްސް އެޕީލް ޓްރައިބިއުނަލްގައި، 280 މިލިޔަން ރުފިޔާގެ މައްސަލަަ އެބައޮތް ކަމަށް އެ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެ ޓްރައިބިއުނަލްގެ މަސައްކަތްތަކާބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ހިއްސާ ކުރައްވަމުން މުނައްވަރު މިއަދު ވިދާޅުވީ، އެބޭފުޅުން ޓްރައިބިއުނަލާ ހަވާލުވީ ބެކްލޮގް ހިމެނޭގޮތުން ބައި ބިލިޔަން (500 މިލިޔަން) ރުފިޔާ ހިމެނޭ މަަސައްކަތްތަކާއެކުގައި ކަމަށެވެ.
ނަމަވެސް 280 މިލިޔަން ރުފިޔާ ހިމެނޭ މައްސަލަތަކަކީ، އިސްތިއުނާފަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލަތައް ކަމަށްވެސް ވިދާޅުވިއެވެ. އެ މައްސަލަތައް ނިމޭއިރު، އެއިން ކޮންމެ މައްސަލައަކަށް އަންނަ ބަދަލެއް ފައިސާއަށް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓްރައިބިއުނަލްގައި މިހާރުވެސް 44 މައްސަލަ ނުނިމި އެބައޮތް ކަމަށާއި، ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް 180 ދުވަސް ތެރޭގައި ނިންމަން ޖެހޭކަމަށް ގާނޫނު ބުނާއިރު އެ މުއްދަތު ފަހަނައަޅައިގޮސްފައިވާ 31 މައްސަލަ ޓްރައިބިއުނަލްގައި އެބައޮތްކަމަށް ވިދާޅުވެ މެންބަރުން ކުރެއްވި ސުވާލާ ގުޅިގެން މުނައްވަރު ވިދާޅުވީ، ޓްރައިބިއުނަލްގައި މިވަގުތު އޮތީ 42 މައްސަލަ ކަމަށެވެ. އަދި ގާނޫނުގައި ބުނާ 180 ދުވަސް ފަހަނައަޅައި ގޮސްފައިވާ މައްސަލަތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެފަދަ މައްސަލަތައް އަވަސް ކުރުމަށްޓަކައި، ކުރިން ނިންމާފައި ހުރި މައްސަލަތަކުގައި ހުރި އެއްގޮތްކަންތައްތައް ނަގައިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައްސަލަތައް ލަސް ވުމުގައި، މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ގާއިމްކޮށްފައި ހުރި ކޮޓަރީގައި އެކަމަށް ބޭނުންވާ ވަސީލަތައްތައް ފުރިހަމަ ނުވުމާއި، ބޭނުންވާވަރަށް ސަޕޯޓް ސްޓާފުން ނެތުން މުނައްވަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު