ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މީހުން ވެސް ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަވާއިދު އިސްލާހުކޮށްފިއެވެ.
ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ އެހެން ބޭފުޅުން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ހިދުމަތް ދޭ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރެވޭނެއެވެ.
އެ ގަވައިދަށް އިސްލާހު ގެނެސް އެމްއެމްއޭ އިން މިއަދު ވަނީ ގެޒެޓު ކޮށްފައެވެ. ގެޒެޓު ކުރާ ތާރީހުން ފެށިގެން އެ އިސްލާހަށް އަމަލު ކުރުމަށް ވަނީ ނިންމައިފައެވެ.
މީގެ ކުރިން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވައިދުގައި އޮންނަ ގޮތުން ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަނެއް ނުކުރެވޭނެއެވެ.
ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އެމްއެމްއޭއިން އިސްލާހުކޮށްފައި މި ވަނީ އެ އިދާރާގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލައި، މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި އެ އެ މަގާމަށް ފަސް މީހަކު ހޯދަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މެނޭޖިން ޑިރެކްޓަރުންގެ ދައުރަކީ ފަސް އަހަރެވެ. އަދި މުސާރަކީ 50،000-55،000 އާ ދެމެދެވެ.
ޚަބަރު
ޚަބަރު
ޚަބަރު