އިންޑިއާގެ ލޯނެއްގެ ދަށުން އަޅަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ބައްލަވާލައްވައިފިއެވެ.
ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ޖައިޝަންކަރު ބްރިޖުގެ މަސައްކަތް ބައްލަވާލައްވަން ވަޑައިގެންނެވި އިރު، އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންފްރާސްޓެކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަޑައިގެންނެވިއެވެ.
ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އިގުތިސޯދީ މަންފާތައް ލިބޭނެ ކަމަށެވެ.
ރާއްޖޭގައި އިންޑިއާ އިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫއު އެއްކޮށް ނިންމޭނެ ކަމަށް ލަފާކުރެވޭ ތާރީހަކީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަސް ކަމަށް އިންފްރާސްޓެކްޗާ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު