އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ، ދީނީ އިލްމު ލިބިވަޑައިގެން ހުންނެވި ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށް ވެރިކަންކުރާ ކޯލިޝަން ޕާޓީ، ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

މިނިސްޓަރު ޝަހީމުގެ މެލޭޝިއާއިން ހާސިލުކުރައްވައިފައިވާ ޕީއެޗްޑީއާއި ޕީއެޗްޑީ ހާސިލުކުރެއްވުމަށް ތައްޔާރުކުރެއްވި ތީސިސްގެ ފެންވަރު ދަށް ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަހީމުގެ އަބުރު ނަގާލުމުގެ މަގުސަދުގައި ސޯޝަލް މީޑިއާގެ އިތުރުން ބައެއް މީޑިއާތަކުގައި ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާ ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުންޏެވެ.

"ކީރިތި ގުރުއާން ހިތުދަސް ދީނީ ލީޑަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ފުރައްސާރަކޮށް ހަގީގަތާ ހިލާފު ދޮގު އިލްޒާމުތަކުން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. އެއީ ދީނީ އިލްމު ދެނެވަޑައިގެން ހުންނެވި އަޒުމު ވަރުގަދަ ސިޔާސީ ލީޑަރެކެވެ. އެހެންކަމުން އެ މަނިކުފާނުގެ އަބުރުފުޅު ކަތިލުމުގެ ބޭނުމުގައި ބަޔަކު ކުރަމުންގެންދާ ހަޑި މުޑުދާރު ނާތަހުޒީބު ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް މި ކޯލިޝަނުން ގޮވާލަމެވެ..،" ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ނަން ހިނގާ ބޭފުޅެއް ކަމަށެވެ. އަދި އިސްލާމީ ދައުލަތްތަކުން ދަނީ ޝަހީމު ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރަމުން ކަމަށެވެ.

ޝަހީމު ގެންދަވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއަރުވަމުން ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

ރައީސްގެ މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި ހުރިހާ ކަމެއް ކުރުމުގައި ޝަހީމު ގެންދަވަނީ ކާމިޔާބު ހޯއްދަވަމުން ކަމަށް ވެސް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.