ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ކަށަވަރުކޮށްދީ ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިޔައްތުތައް މިހާރު އޮތް 20 ރައްޔިތުންގެ މަޖިލީހުން އަދާކުރާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މިހެން ވިދާޅުވީ، މިހާރު އަމަލު ކުރަމުން މިދާ ފެހި ގާނޫނުއަސާސީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމު، ތަސްދީގު ކުރެއްވިތާ 16 އަހަރު ފުރުމާއި ގުޅިގެން އެކަން ފާހަކަ ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ތަސްދީގު ކުރެއްވީ 2008 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ހަތް ވަނަ ދުވަހުއެވެ.

މަޖިލިސް މެންބަރުންނަށް މުހާތަބު ކުރައްވައި މަޖިލިސް ރައީސް މިއަދު ވަނީ، ގާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރެއްވި ހާއްސަ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިދެއްވި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށްވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީ ކުރައްވާނެ ކަމަށެވެ.

"ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމުގައި، އަދި ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް، މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި މަޖިލީހުގެ މަސްއޫލިއްޔަތު މި މަޖިލީހުން އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރުއެވެ. މި ގާނޫނުއަސާސީއަށް އަމަލުކުރަމުންދާތާ 16 އަހަރު ފުރިފައިވާއިރު، ރައްޔިތުންނަށް ފުރިހަމަވެފައިވާ އެންމެ މުހިއްމު ކަމަކީ ބާރުތައް ވަކިވެފައި އޮތް ދައުލަތެއް އުފެދުމެވެ.