ސިޔާސީ ފިކުރުތަކުން އުފެދުނީ ރުޅިވެރިކަމާއި އަދާވާތްތެރިކަން ކަމަށާއި އެ މާޒީއަށް ދާން ރައްޔިތުން ބޭނުންނުވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އިސްކޮށް ތިއްބެވި ލީޑަރުން މިދިޔަ މާޒީގެ ދުވަސްތަކުގައި އެ ލީޑަރުންނަށް ތާއީދުކޮށް، އުފެދިފައިވާ ފިކުރުތަކުގައި ރައްޔިތުން ގެންގުޅުމަކީ މިއަދު ރައްޔިތުން ބޭނުންވި ކަންކަން ނޫންކަން ކޮންމެ އިންތިހާބަކުން ސާފުވެގެންދާ ކަމަށެވެ.

"މިހެން މި ދަންނަވާލަން ޖެހުނީ ވޭތުވެދިޔަ މާޒީތަކުގައި އެ ލީޑަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ދަސްވަމުން އައި އެއްޗަކީ، މުޖުތަމައުގެ ތެރެއިން ފެންނަން ހުރި އެއްޗަކީ، ނޫނީ ދޭދޭ ފަރުދުންގެ މެދުގައި ފެންނަން އޮތް އެއްޗަކީ އުފެދުނީ ނަފުރަތާއި ރުޅިވެރިކަމާއި އަދާވާތްތެރިކަމޭ. އެކަކު އަނެކަކަށް އަރާރުންވުމޭ، ސިޔާސީ ގޮތުން ޒާތީކޮށް އެބަޔަކު ބޭނުންވާ އެއްޗެއް ބުނެލުމޭ، މިއީ ޑިމޮކްރަސީގައި ބަޔަކަށް ހީވެދާނެ އެންމެ މުހިންމު އެއް ސިފަ ކަމަށް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދުލުގެ މިނިވަންކަން ލިބިފައި އޮތް ނަމަވެސް، ވާހަކައެއް ބުނެލާ އިރު، ހާއްސަގޮތެއްގައި ރައްޔިތުން ތަމްސީލުކުރާ މީހަކަށްވެ ހުރެ ވާހަކައެއް ދައްކާ އިރުގައި، އެކަމުން މުޖުތަމައަށް ކުރާނެ އަސަރާ މެދު ވިސްނަން ޖެހޭނެ ކަމަށާއި މިހާތަނަށް އައި އިރުގައި އޮތީ އެ ސަގާފަތާއި އެ އާދަތައް ކަމަށެވެ.

"އެހެންނަމަވެސް މި ހުރިހާ ކަމަކަަށް ރައްޔިތުން ނިމުމަކަށް ގެންނަން ބޭނުންވެފައި ތިބި މިންވަރު ރިޔާސީ އިންތިހާބުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮތް ހިސާބުން ރައްޔިތުން ނިންމައިފި އެމަނިކުފާނަކީ ތިމަންނާ ގޮވައިގެން، ތިމަންނާމެން ބޭނުންވާ މަންޒިލަށް ވާސިލުކޮށްދެވޭނެ ވަރުގެ ވެރިއެއްކަން. އެ ވަރުގެ ލީޑަރެއްކަން، އެ ވަރުގެ ގާބިލު ބޭފުޅެއްކަން،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒާ ވާދަކޮށްލެވޭ ވަރުގެ ސިޔާސީ ލީޑަރެއް ވެސް ފެނިގެން ގޮސްފައި ނުވާ ކަމަށާއި ރައްޔިތުން އެމަނިކުފާނު އިންތިހާބުކުރީ އެއީ ރައްޔިތުންގެ އިހުސާސް ދަނެގެން، ރައްޔިތުންގެ ވާހަކަ އަޑުއެހޭނެ ވަރުގެ ގާބިލު ބޭފުޅަކަށްވާތީ ކަމަށެވެ.