ކުރިއަށް އޮތް 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް 206 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ހުށަހަޅާފައިވާތީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ
މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ، ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީއެވެ. އެ ހުށަހެޅުމާ އެއްގޮތަށް ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް މެންބަރުން ވޯޓު ދެއްވައިގެން ފާސްކުރިއެވެ.
އެހެން މުއައްސަސާތަކާ ހިލާފަށް މަޖިލީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅައިގެންނެވެ. އެކަން އޮންނަނީ އާންމު ކޮމިޓީން ފާސްކުރުމަށްފަހު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނާ ގޮތަށެވެ.
އަންނަ 2025 ވަނަ އަހަރަށް މަޖިލީހަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އާންމު ކޮމިޓީއަށް ހުށަހެޅި ބަޖެޓުގައި ކެޕިޓަލް ހަރަދަަށް ވަނީ 2.4 މިލިއަން ރުފިޔާ ހިމަނައިފައެވެ. ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން 5.2 މިލިއަން ހިމެނޭއިރު، އޭގެ ތެރޭގައި 10 އަހަރު ދުވަސް ވެފައިވާ މަޖިލިސް އިދާރާގެ ކެމެރާ ސިސްޓަމް ޒަމާނީކުރަން އެއް މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ހަރަދަށް އެކަނިވެސް 4.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މަޖިލިސް އިދާރާގެ އާ އިމާރާތުގައި ފަޔާ ސިސްޓަމް ގާއިމުކުރުމަށާއި މަޖިލިސް އިދާރާގެ ފާހާނާތަކާއި ޓެރަސްއާއި އެކި ތަންތަނުގެ މަރާމާތަށްވެސް ފައިސާ ހިމަނާފައިވެއެވެ.
ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެއްވެސް މުވައްޒަފެއްްގެ މުސާރަ ބޮޑުކުރަން ނުވަތަ މަޖިލިސް އިދާރާއަށް އިތުރު މުވައްޒަފެއް ނެގުމަށް ހިމަނާފައެއް ނުވެއެވެ.
މަޖިލިސް އިދާރާ އިން ބުނީ، އަންނަ އަހަރަށް ބޭނުންވެގެން 206 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވީ ނަމަވެސް އެކަމަށް ފިނޭންސް މިނިސްޓްރީން ދީފައިވަނީ 180 މިލިއަން ރުފިޔާއާ ހަމަައަށް އޮތް ސީލިންއެއް ކަމަށެވެ. ނަމަވެސް އެއީ މިހާރު މަޖިލީހުގައި ކުރަމުންދާ ހަރަދު ބެލެހެއްޓޭނެ ވަރުގެ އަދަދެއް ނޫން ކަމަށް ބުންޏެވެ.
ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު