އެންމެފަހުގެ ގްލޯބަލް ސުޕާ ހައިވޭ ކަމަށްވާ ބައިނަލްއަގުވާމި ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ދިރާގުން ރާއްޖޭގައި އިފުތިތާހު ކޮށްފިއެވެ.

ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާއާއި މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވައިލަދޭ ގްލޯބަލް ސުޕާ-ހައިވޭއެކެވެ. ކަނޑުއަޑިން ގުޅާލާ ގޮތަށް، ކޭބަލް ޓެކްނޮލޮޖީން ފަރުމާކޮށްފައިވާ މި ސިސްޓަމް ސިންގަޕޫރުން ފެށިގެން ފްރާންސާ ދެމެދު 11 ގައުމެއްގައި އަޅާނެއެވެ. ދިގުމިނުގައި 19،200 ކިލޯ މީޓަރު ހުންނަ މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ޓްރާންސްމިޝަން ސްޕީޑް ފަށާނީވެސް 100 ޓީބީޕީއެސް އިންނެވެ.

މި ގްލޯބަލް ސިސްޓަމްގެ ބައިވެރިއަކަށްވުމަށްޓަކައި ދިރާގުން ވަނީ 2021 ވަނަ އަހަރު ދުނިޔޭގެ ބައިނަލްއަގުވާމީ 16 ޓެލްކޯ އަދި ޓެކް ކުންފުންޔެއް ޝާމިލުވާ ކޮންސޯޓިއަމެއްގައި ބައިވެރިވެފައެވެ.

ދިރާގުން ބުނީ، އެ ކުންފުނިން ކުރި ބޮޑު އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކާއި ރާއްޖެ ސީދާ ގުޅުވާލެވި، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެ، މުސްތަގުބަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް މިހާރަށްވުރެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، ދިރާގަކީ އަބަދުވެސް ރާއްޖޭގެ ޑިޖިޓަލް މާހައުލު ކުރިއަރުވާ އިންގިލާބި ބަދަލުތައް ގެނައުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން ދިވެހި ރައްޔިތުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މުވާސަލާތީ ގޮތުން ގުޅުވާދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް އާއެކު ދުނިޔޭގެ އެކި މައި އިންޓަނެޓް އެކްސްޖޭންޖް ޕޮއިންޓްތަކަށް ރާއްޖެއަށް އެކްސެސް ލިބި، އޭގެ ސަބަބުން އެއްވެސް އެހެނިހެން ގައުމަކަށް ބަރޯސާ ނުވެ، ދުނިޔޭގެ ޑިޖިޓަލް ނެޓްވޯކާއި ރާއްޖެއާ ސީދާ ގުޅުވާލާނެ ކަމަށެވެ.

"މި ފުރުސަތުގައި، ދުނިޔޭގެ އިންޓަނެޓް ސުޕަ ހައިވޭއާ ރާއްޖެ ގުޅުވާލައި، އަޅުގަނޑުމެންގެ މުވާސަލާތީ ވިއުގަ ހަރުދަނާކޮށް، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ ކުރިއަށްއެރުވުމުގައި ދިރާގުން ކުރަމުންދާ ގައުމީ މަސައްކަތަށް އެ ކުންފުންޏަށް ޝުކުރު އަދާކުރަން." އާދަމް ޝަރީފު ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއީލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ގުޅުމުގެ ހައިސިއްޔަތުން، ދިރާގުގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޑިޖިޓަލް ޓްރާންސްފޮމޭޝަނާ އެއްވަރަށް ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ފޯރުކޮށްދިނުން ކަމަށެވެ.

"ދިރާގުގެ ޑިޖިޓަލް ނެޓްވޯކް ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަކީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ހަބެއްގެ ގޮތުގައި ރާއްޖެ ގާއިމުކޮށް، އަޅުގަނޑުމެންގެ މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް. މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ ކޭބަލް ބައިނަލްއަގުވާމީ ސިސްޓަމަކާ ސީދާ ގުޅާލެވޭ ފުރަތަމަ ފަހަރު. މިއާއެކު ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީގެ ސްޕީޑް އިތުރަށް ހަލުވިވެ، ލޭޓެންސީ ކުޑަވެ، މުސްތަގުބަލުގައި ދިރާގުގެ އިންޓަނެޓް ޚިދުމަތުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ." އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުން ބުނި ގޮތުގައި ސީ.މީ.ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަސައްކަތް 2026 ވަނަ އަހަރުގެ ކުރީކޮޅުގައި ނިމޭނެއެވެ.