މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޓު ބިލްޑިން ޕްރޮޖެކްޓުގެ ދަށުން ފައިބާ މަސައްކަތް ކުރާ ބޯޓު ޔާޑު ހަދާނީ ކުޅުދުއްފުށި ސިޓީގައި ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

ވަޖީހު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯޓު ޔާޑު ގާއިމުކުރުމަށް ތައްޔާރުކުރާ އިމާރާތުގެ މަސައްކަތް ނިންމައި މި މަހުގެ ތެރޭގައި ބޯޓު ބަނުމުގެ އަމަލީ މަސައްކަތް ފައްޓާނެ ކަމަށެވެ. އަދި އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އަންނަ ހަފުތާގެ ކުރީކޮޅު އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ އެމްޕީއެލްގެ ބޯޓު ބިލްޑިން ޕްރޮޖޮކްޓުގެ ދަށުން ދަގަނޑު މަސައްކަތް ކުރާ ޔާޑު ހަދާނީ ތިލަފުށީގައި ކަމަށް އެތަން ހެދުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ މެރިޓައިމް ސެކްޓަރަ އިންގިލާބީ ބަދަލުތަކެއް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.