ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިސްމާއީލް ހަބީބު އަބްދުއްރަހީމް، އެ ކޮމިޝަނަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ހަބީބު މީގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރެއްގެ ގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ. ނަމަވެސް އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު މިދިޔަ މާޗު މަހު އޭނާ ވަނީ ކޮމިޝަނުން ވަކިވެވަޑައިގެންފައެވެ.

ހަބީބު، އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ގައެވެ. ކޮމިޝަން މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަބީބު ފިޔަވައި ދެން ތިއްބެވި، އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައްވެސް ރައީސް މަޖިލީހަށް ފޮނުއްވިއެވެ.

ނަމަވެސް ކޮމިޓީން ފާސްކުރީ ހަބީބުގެ ނަން ކަމުން މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ނިންމުން ފޮނުވުމުން ހަބީބަށް ރުހުން ދިނުމަށް ފެނޭތޯ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ހަބީބަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން 74 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވިއެވެ.