އައްޑޫ ސިޓީ މޫދުގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކުރަން އިންވެސްޓަރުން ހޯދަން ހުޅުވާލައި އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ މަސައްކަތަކީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުން އަންނަ އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
އެ މަސައްކަތުގެ ދަށުން 2 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް ސ. މަރަދޫ ބަނދަރު، އަދި ސ. ހުޅުމީދޫ ސެންޓްރަލް ހާބާގައި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި 8 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް ސ. ހިތަދޫ ޕޯޓް އޭރިއާގައި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ބީލަމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ވާދަވެރި ޕްރޮކިއުމަންޓް ގެ އުސޫލުން "ވާލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯ އައިޕީއެފް ބޮރޮވާސް" ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވަ ޕްރޮޖެކްޓެއް ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1،500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި އެ ފައިސާ ބަލައިގަންނާނީ 29 ޖުލައި 2024 އިން 21 އޮކްޓޫބާ 2024 އަށް، https://bandeyripay.finance.gov.mv މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ބީލަމާއި އެކީގައި ބިޑް ސެކިއުރިޓީ ހުށަހަޅަން ވެސް ޖެހޭނެ ކަމަށާއި ވަކި ލޮޓް ތަކަށް ބިޑް ސެކިއުރިޓީގެ އަދަދު ތަފާތު ވާނެ ކަމަށެވެ. އެގޮތުން ލޮޓް 1 ގެ ބިޑް ސެކިއުރެޓީގެ ގޮތުގައި 40،000 ޑޮލަރު އަދި ލޮޓް 2 ގެ ބިޑް ސެކިއުރެޓީއަށް 160،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެންވަޔަރުމެންޓުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު