ރާއްޖެއަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ، ލިބޭ މިންވަރަށް ވުރެ އިތުރަށް ބޭރު ފައިސާ ހޭދަކުރަން ޖެހުން ކަމަށާއި ޗައިނާއާ އެކު ރާއްޖެއިން އެއްބަސްވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފެށުމާ އެކު އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސޯދީ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނސްޓަރު ވިދާޅުވީ، ބޭރު ފައިސާ ލިބުން މަދުވުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހޭދަވަނީ ތެޔޮ އެތެރެކުރުމަށާއި ދައުލަތުގެ ދަރަނިތައް ދެއްކުމަށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޗައިނާއާ އެކު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށުމުން، ބޭރު ފައިސާގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"ފްރީ ޓްރޭޑް އެގްރީމެންޓާ އެއްކޮށް ރާއްޖޭގެ އިތުރު ސިނާއަތްތައް، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުން ހުރި އެހެން ސިނާއަތްތައް ތަރައްގީވެގެން ގޮސްފައި، ރާއްޖެއިން އެއްޗެހި ޗައިނާއަށް ޒީރޯ ޓެރިފްގައި ބޭރު ކުރެވި، ބޭރު ފައިސާ އިތުރަށް ލިބުމަށް މަގުފަހިވާނެ. އެއީ އޭގައިން ލިބޭނެ އެންމެ ބޮޑު އެއް މަންފާ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފްރީ ޓްރޭޑް އެގްރީމަންޓުގެ ސަބަބުން ޑޮލަރަށް އެކަނި ބަރޯސާވުމަށްވެސް ނިމުމެއް އަންނާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންޑިއާއާ އެކު ވެސް ފްރީޓްރޭޑް އެގްރީމެންޓެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓް، އެފްޓީއޭ ތަންފީޒުކުރަން ފެށޭނެ ކަމަށާއި ތުރުކީ އާއި އިނގިރޭސި ވިލާތާ އެކީގައި އެފްޓީއޭ އެއްގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ސޯޝަލް ސެންޓަރުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމިީ ޖަލްސާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު