ސިނަމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމުގެ ދިރާސާ އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
"މާލެ ފަހި" ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ބުނީ ބުރިޖާއި ހައިވޭއިން ޓޯލް ފީ އެއް ނަގާނީ ކަމާބެހޭ ހުރިހާ އިދާރާތަކަކާ އެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ.
"ބްރިޖާއި ހައިވޭ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ޓޯލް ފީ ކަނޑައަޅާ ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ،" ޓްރާންސްޕޯޓުން ބުންޏެވެ.
ބުރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމުގެ ދިރާސާ ކުރަނީ "މާލެ ފަހި" ޕްރޮގްރާމްގެ ދަށުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ސިނަމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމަކީ އާމްދަނީ އިތުރުކުރުމަށް 2026، 2027 އަދި 2028 ވަނަ އަހަރު ސަރުކާރުން އަޅަން ނިންމައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޓޮލް ނިޒާމެއް ގާއިމްކުރަން ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ސީސީސީސީ ކުންފުނިން ބުރިޖު މަސައްކަތް ކުރިއަށް ގެންދިޔަ އިރުއެވެ. އަދި އެއިރު ބްރިޖުން ފީއެއް ނެގުމުގެ މަޝްވަރާތައް ކުރީ ހައުސިން މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ ވެސް ގުޅިގެންނެވެ.
އޭގެ ފަހުން 2018 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިނަމާލެ ބްރިޖާއި ހައިވޭއިން ނަގާ ޓޯލް ފީއިން 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށްވެސް ވެސް ހިމެނިއެވެ. ނަމަވެސް ފަހުން ނިންމީ ފީއެއް ނުނަގާ ގޮތަށެވެ. އަދި މިދިޔަ ސަރުކާރުން ވެސް ނިންމީ ބްރިޖުން ފީއެއް ނުނެގުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު